އިމްރާން ހާނުގެ ޕާޓީއަށް ގޮނޑިތަކެއް ދިނުމަށް ޕާކިސްތާނު ސުޕްރީމް ކޯޓުން ނިންމައިފި

އިލެކްޝަންސް ކޮމިޝަނުން ލާޒިމުކޮށްގެން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ނަމަވެސް ގާނޫނު ހަދާ މަޖިލީހުން އެންމެ ގިނަ ގޮނޑި ލިބިވަޑައިގަތީ އިމްރާން ހާނުގެ ތާއީދާއެކު ވާދަކުރެއްވި ބޭފުޅުންނަށެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން އަންހެނުންނާއި މައިނޯރިޓީ ދީންތަކަށް ނިސްބަތްވާ މީހުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ ތެރެއިން ވިއްސަކަށް ގޮނޑި މިހާރު ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ހާނުގެ ޕާޓީއަށް ދިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ. 
އޮޅުވައިލުމުގެ ތުހުމަތުތައް ކުރެވިފައިވާ އާންމު އިންތިހާބު ނިމުނުތާ އެތައް މަހެއް ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ތެހްރީކެ އިންސާފު ޕާޓީއަކީ އާންމު އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބުކޮށްފައިވާ ޕާޓީއެއް ކަމަށެވެ. 
އިތުރަށް އެ ހުކުމުގައި ބުނެފައިވަނީ ކެންޑިޑޭޓަކު/ޕާޓީއަކުން އިންތިހާބީ ރަމްޒެއް ބޭނުންކޮށްފައި ނުވުމަކީ އެއްވެސް ގޮތަކަށް އެ ކެންޑިޑޭޓެއްގެ ނުވަތަ ޕާޓީއަކަށް އިންތިހާބުގައި ވާދަކުރުމަށް ލިބިފައިވާ ދުސްތޫރީ ހައްގަށް އުނިކަން ލިބޭނެ ކަމެއް ނޫން ކަމަށެވެ. 
"އިންތިހާބުގައި ކާމިޔާބުކުރި ގޮނޑީގެ ނިސްބަތުން އަންހެނުންނާއި މައިނޯރިޓީތަކަށް ގާނޫނު ހަދާ މަޖިލީހުން ހާއްސަކުރާ ގޮނޑިތަކުން ލިބެންޖެހޭ ނިސްބަތް ޕީޓީއައިއަށް ލިބެންވާނެ،" ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު ފަނޑިޔާރުންގެ ރައުޔުގައި ބުނެފައިވެ އެވެ. 
ފެބްރުއަރީ މަހު ބޭއްވި އާންމު އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ލާޒިމުކޮށްގެން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި  ވާދަކުރެއްވި ނަމަވެސް ގާނޫނު ހަދާ މަޖިލީހުން އެންމެ ގިނަ ގޮނޑި ލިބިވަޑައިގަތީ އިމްރާން ހާނުގެ ތާއީދާއެކު ވާދަކުރެއްވި ކެންޑިޑޭޓުންނަށެވެ. 
އިންތިހާބުނުކޮށް އަންހެނުންނަށާއި މައިނޯރިޓީތަކަށް ހާއްސަކޮށްގެން ދޭ ގޮނޑިތައް ޕާޓީތަކަށް ލިބެނީ އެ ޕާޓީއަކަށް ކާމިޔާބުކުރެވުނު އިންތިހާބީ ގޮނޑީގެ ނިސްބަތުންނެވެ. 
މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އިންތިހާބުގެ ކުރިން ތިން ކުށެއް ސާބިތުވާކަމަށް ކަނޑައަޅައި އިމްރާން ހާނުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. 
ޖަލުގައި އިމްރާން ބަހަައްޓާފައި ހުންނަ ހުރުމާ ގުޅިގެން އދގެ މުސްތަގިއްލު ޕެނަލަކުން ތަހުގީގު ކުރުމަށްފަހު ނިންމާފައިވަނީ އޭނާ ބަންދުގައި ބަހައްޓާފައި ހުންނަަނީ ގާނޫނީ އެއްވެސް އަސާސެއް ނެތި ކަމަށާއި، އެ ނިންމުމުގެ ބޭނުމަކީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ހެދުންކަމަށް ބެލެވޭ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ