5 މިލިއަން ގަސް އިންދުމުގެ އާމާޒަށް ވާސިލުވުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރަންޖެހޭ: ވަޒީރު

ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޢާމާޒު ޙާސިލްކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތްކޮށްދެއްވުމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް އެދިވަޑައިގެންފިއެވެ.ތިމާވެއްޓާ ބެހޭ ވަޒީރު މިކަމަށް އެދިވަޑައިގަތީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގޮތުން ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.ޠާރިޤް ވިދާޅުވީ ރާއްޖެއިން ނެތެމުންދާ ގަސްތަކުގެ ދިރާސާއެއް ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން 22 ބާވަތެއްގެ ގަސް އިންދާފައިވާއިރު، ޖުމްލަ 90 ބާތެއްގެ ގަސް މި ޕްރޮގްރާމްގެ ތެރެއިން އިންދުމަށް ހަމަޖެހިފައިވާކަމަށެވެ.މި ޕްރޮގްރާމް މާލެއާއި އަތޮޅުތަކުގައި ވަނީ ފަށާފައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ރިސޯޓްތަކުގައާއި ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާނެކަމަށެވެ.
މި މަސައްކަތުގައި ވުޒާރާތަކާއި ކުންފުނިތައް، ކައުންސިލްތައް، ރިސޯޓްތައް އަދި އަމިއްލަ ޖަމިއްޔާތަކާ ފަރުދުންވެސް ބައިވެރިވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. ވަޒީރު ވިދާޅުވީ މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ގުދުރަތީ ވެށި ގެންގޮސްދިނުމަށް، ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާއެއްކަމަށެވެ.
"ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ސަރަޙައްދުތަކުގައި ގަސް އިންދާ ފެހިކުރުމަށް އިސްކަން ދޭނަން. ރަށްރަށުގައި ހިއްކާ، މީހުން އާބާދުވާ ބިންތައް ފެހިކުރުމަށް މި ޕްރޮގްރާމުން އެހީވާނަން. ހަނަފަސްކަން ނައްތާލާ، ހިތްފަސޭވަ ވެއްޓެއް ހޯދައިދޭނަން." ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ 3 ސަރަޙައްދެއްގެ ގަސް އާލާކުރުމަށް ނާސަރީތައް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ ފަސޭހައިން ގަސްތައް ފޯރުކޮށްދީ، ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ކުރާނެ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން، ކަރބަން ނިއުޓްރަލް ޤަޢުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތާ، ރާއްޖޭގެ ކުޅި، ފާ ޗަސްބިންތަކަށް ހީމާޔަތްކުރުމާއި ކުނި މެނޭޖުކުރުމުގެ ފުރިހަމަ މަސައްކަތްކައް ސަރުކާރުން ކުރިއަށްގެންދަވާނެކަމަށް ތިމާވެއްޓާ ބެހޭ ވަޒިރު ޠާރިޤް އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ