ނޫސްވެރިންްނަށް ހުރަސް ކުރިމަތި ނުކުރުމަށް މައުމޫން ގޮވާލައްވައިފި
ނޫސްވެރިންނަށާއި މީޑިއާތަކަށް ސަރުކާރުގެ ތެރެއިން ގޮންޖެހުންތައް ކުރިމަތި ކުރާ ކަމަށާއި އެކަން ހުއްޓާލައި ނޫސްވެރިންނަށް މިނިވަންކަމާ އެކު ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ. ބައެއް ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގާތީއާއި ނޫސްވެރިކަމަށް ކުރިމަތިވާ ކަންތައްތަކާ މެދު ކަންބޮޑުވެވަޑައިގަތް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރުކުރުވައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރު އެޅުމުގައި އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. ނަމަވެސް މިނިވަން ނޫސްވެރިކަމަށް ތަފާތު އެކި ހުރަސްތައް ސަރުކާރުން ކުރިމަތިކުރުވައި މިހާރު ވެސް ކުރިމަތިކުރުވަމުންދާކަމީ ޕީޕީއެމްގެ މެމްބަރުން ކަންބޮޑުވާ ކަމެއްކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ގާނޫނު އަސާސީން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވަނިކޮށް، "ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނެއް" ފާސްކޮށް، ގާނޫނު އަސާސީގެ ބާރު ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. "އަބުރާ ބެހުމުގެ ނަމުގައި ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު ލިބޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ ވަކި ބަޔަކު ހިންގަމުންދާ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ފޮރުވައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމަށް ކަމަށް ގަބޫލުކުރެވެ އެވެ." މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ނޫސްވެރިންނަށް ތަފާތު އެކި ފަހަރުމަތިން ހަމަލާތައް އަމާޒުކޮށް ބިރުދައްކާފައިވާ އިރު، ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ދައުވާކޮށް ޖަލަށް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރު އަދި އާދަމް ޒަރީރު ހައްޔަރުކޮށްފައި ވަނީ ނޫސްވެރިންގެ ހައިސިއްޔަތުން ނޫސްވެރިކަމުގެ ޒިންމާ އަދާ ކުރަމުންދަނިކޮށް ކަމަށް މައުމޫން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ތަސްދީގު ކުރެއްވި އަބުރުގެ ގާނޫނުގެ ދަށުން 'މިހާރު' ނޫހުގެ ނޫސްވެރިޔާ ފަޒީނާ އަހުމަދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މައުމޫން ވިދާޅުވީ، މީހަކު ބުނި އެއްޗެއް އެ ބުނި ގޮތަކަށް ރިޕޯޓު ކުރުމުން ނޫސްވެރިޔާ އަށާއި އެ މީޑީއާއަކަށް އަދަބު ލިބިގެން ނުވާނެ ކަމަށެވެ. "އެހެންކަމުން މި ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައެވެ.،" މައުމޫންގެ ބަޔާނުގައި ބުނެފައިވެ އެވެ. ހަމައެއާއެކު، ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އޭނާ އަށް ވީނުވީއެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ވަރަށް މަސައްކަތް ކުރަމުންދާ ނުދާ ކަމަށް ވެސް ޕީޕީއެމްގެ މެމްބަރުން ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، ނޫސްވެރިކަމަށް އަނދިރި ދުވަސްތަކެއް ކުރިމަތިވެފައި ވާތީ ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާއި އިންޒާރުތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެއުމަށް ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކަށް މައުމޫން ވަނީ ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ