ޢިއްދައިގެ ޚަރަދުކެނޑުމަކީ ކައިވެނީގަ ރޭކޮށްފައިވާނަމަ ޢިއްދައިގެ މުއްދަތުގަ ޢިއްދައިގަ އިންނަން ނުޖެހޭނެ ސަބަބެއް ނޫން!

ކައިވެނި ރޫޅުމުން ޢިއްދައިގަ އަނބިން ތިބެން އޮންނަ މުއްދަތުގައި ނުތިބުމަށް ވަކާލާތުކުރާ ބައެއް މީހުން ދެކޭގޮތުގައި އަނބިމީހާ ޢިއްދައިގެ ޚަރަދު ކަނޑައިފިނަމަ ޢިއްދައިގައި އިންނާކަށް ނުޖެހޭނެއެވެ. މިކަމާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުމުން ދީނުގައި އެކަމަށް އޮތް ޙުކުމް އެނގިލައްވާނެއެވެ. އިން ޝާ ﷲ 
ޢިއްދާގެ ލާރި ކެނޑި ކަމުގައިވީ ނަމަވެސް ކައިވެނި ކޮށްފަ އަނބިމީހާ ޔާ އެކުގާ ރޭކޮށްފަ ވާކަމަށް ވަނީނަމަ އަނބިމީހާ ޢިއްދާގަ އިންނަން ޖެހޭނެއެވެ. ޢިއްދާގަ އިންނަން ނުޖެހޭނެ ޙާލަތަކަށް އަންނާނީ ކާވެނި ކުރުމަށްފަހުގާ ރޭނުކޮށް ވަރިކޮށްފި ކަމަށް  ވަނީނަމައެވެ. 
"އެޙާލަތުގާ އޭނާ ޢިއްދާގައި އިންނާކަށް ނުޖެހޭނެ. ﷲ ވަޙީ ކުރައްވާފައިވަނީ " يَا أَيُّهَا الَّذِيْنَ آمنُوا إِذَا طَلَّقْتُمُ النِّسَاء " ކޮންމެއަކަސް އާޔަތުގެ މާނައިގާ މިއަންނަނީ ރޭކުރުމުގެ ކުރިން ވަރިކޮށްފި ކަމަށްވަނީނަމަ އެކަނބަލުން ޢިއްދާގައި ބެހެއްޓުމެއް ނެތޭ! އެހެންނަމަވެސް ރޭކޮށްފި ކަމަށް ވަނީނަމަ ޢިއްދާގައި އިންނަން ޖެހޭނެ. 
ޢިއްދާއަކީ އެއީ ޕީރިއަޑްވާ އަންހެނެއް ކަމަށް ވަނީނަމަ ތިންފަހަރަށް ޕީރިއަޑް ވެފަ ރަގަޅުވަންދެން. ދެން ޕީރޭޑް ނުވާ މީހެއްކަމަށް ވަނީނަމަ ތިންމަސް ދުވަސް ވަންދެން. 
އަޙްޒާބު ސޫރަތުގެ 49 ވަނަ އާޔަތުގާ މިއަންގަވަނީ " يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ " އޭ އީމާން ވެއްޖެ މީސްތަކުންނޭ ތިޔަބައިމީހުން މުއުމިނު އަންހެން ކަނބަލުންނާ ކާވެނި ކޮށްފަ " ثُمَّ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ " އެކަނބަލުންނާ ރޭކުރުމުގެ ކުރިން އެކަނބަލުން ވަރިކޮށްފި ކަމަށް ވަނީނަމަ " فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا " އެހެންކަމަށް ވަނީނަމަ އެކަނބަލުން ޢިއްދާގަ ބެހެއްޓުމެއް ނެތޭ! އެހެންވީމާ، ރޭކުރުމުގެ ކުރިން ވަރިކޮށްފި ކަމަށް ވަނީނަމަ ޢިއްދާގަ ހުރުމެއްނެތް. އެހެން ނަމަވެސް ރޭކޮށްފި ކަމަށް ވަނީނަމަ އަދި އަނބިމީހާ ޢިއްދައިގެ ޚަރަދު ކަނޑާލަދިން ކަމުގާވީ ނަމަވެސް އޭނަ ޢިއްދާގައި އިންނަން ޖެހޭނެ. އެއީ ޚަރަދު ކަނޑާލަދިނުން ޢިއްދައިގެ ތެރޭގައި ކުރަންޖެހޭ ޚަރަދު އެކަމުން އަންހެންމީހާ ތަނާޒުލުވުން. އެއީކީއެއް އޭނަ ޢިއްދާގައި ނުހުރެ ސަލާމަތްވާން އޮތް މަގަކަށް ނުވާނެ. 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ