އާރްޓީއައި ލައިގެން، ސަރުކާރުން ޖަވާބު ނުދޭ އެއްވެސް ސުވާލެއް މިހާރު ނެތް‏!

ރައީސް އޮފީސް ހިމެނޭ ގޮތަށް، ރައިޓް ޓު އިންފޮރމޭޝަން (އާރްޓީއައި) ލައިގެން، ސަރުކާރުން ޖަވާބު ނުދޭ އެއްވެސް ކަމެއް މިހާރު ނޯންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވަނީ މިކަން މިރޭ ހާމަ ކުރައްވައިފައެވެ.
ިރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި ރައީސް މުއިއްޒު ވަނީ، އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ، އަދި ކަންކަން ފޮރުވާނެ ސަރުކާރެއް ނޫން ކަމުގައި ވިދާޅުވެފައެވެ. ކުރީ ސަރުކާރުން އާރްޓީއައި ލައިގެން، ހޯދަން އެދުނު ގިނަ މައުލޫމާތުތައް ނޫޫސްވެރިންނަށް ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ފަދަ މައުލޫމާތުތައް، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ސިއްރު ކުރިއެވެ.
 
”އަޅުގަނޑުމެން ބިރެއް ނުގަނޭ، ޖެހިލުމެއް ނުވޭ، ސުވާލުތަކަށް ޖަވާބު ދޭކަށް.“ މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސުވާލު ހުށަހަޅާ ފަރާތުން ސިޔާސީ ބޭނުމެއްގައި ނުވަތަ އެކްޓިވިޒަމްގެ ބޭނުމުގައި ސުވާލު ހުށަހެޅި ކަމުގައި ވިޔަސް، ސަރުކާރުން އެ ސުވާލެއްގެ ޖަވާބު ދެއްވާނެ ކަމަށެވެ.
”ކުރިއަށް އޮތް ތާނގަވެސް ދޭނަން.“
އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރު ނުކުރައްވާނެކަމުގެ ވައުދު ފުއްދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލުތައް ހާމަ ކުރައްވަމުންދާކަން ފާހަގަކުރައްވައި، މި ކަމަކީ މީގެ ކުރީގެ ސަރުކާރުތަކުން ކުރައްވާފައި ނުވާ ކަމެއް ކަމަށް ވެސް ރައީީސް މުއިއްޒު ވިދާޅުވިއެވެ.
އޭރު ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ހޯދަން ކޯޓަށް ދާން ޖެހުނުއިރު، މިއީ އެމަނިކުފާނުގެ ސަރުކާރުން ހާމަ ކުރެއްވުމަށް ފަސްޖެހިވަޑައިގަންނަވާނެ މައުލޫމާތެއް ނޫން ކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ