ހއ.ދިއްދޫ އެއަރޕޯޓް ތަރައްޤީކުރާ ބިން ހިއްކަން ހަވާލުކޮށްފި

ހއ. ދިއްދޫ އެއަރޕޯޓް ތަރައްޤީކުރުމަށޤ ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
އެއަރޕޯޓް މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް ދިއްދޫގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ފެށުން އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
ދިއްދޫ އެއަރޕޯޓްގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުﷲ ޒިޔާދުއެވެ. އެއްބަސްވުން ޤާއިމުކޮށްފައިވަނީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށެވެ. މި ޕްރޮޖެކްޓްގައި ދިއްދުއިން 71.8 ހެކްޓަރުގެ ބިން ހިއްކައެވެ.
ދިއްދޫ އެއަރޕޯޓް ތަރައްޤީކުރުމާއި ގުޅޭ މަސައްކަތްތައް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރަށުގެ ކައުންސިލް ރައީސް އަބްދުﷲ ރަޝީދުއާއި ރަށުގެ މުވައްސަސާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްދޫ އެއަރޕޯޓްގެ މަސައްކަތަކީ ރާއްޖޭގައި މި ދަޢުރުގައި 15 އެއަރޕޯޓް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނެރުއްވި ޤަރާރުގައި ހިމެނޭ އެއަރޕޯޓެކެވެ.
ދިއްދޫ އެއަރޕޯޓާއެކު މިހާތަނަށް 6 ޑޮމެސްޓިކް އެއަރޕޯޓެއްގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
ތ.ގުރައިދޫ، ތ.ވިލުފުށި، ށ.ކޮމަންޑޫ، ށ.ބިލެއްފަހި އަދި ށ.މިލަންދޫ އެއަރޕޯޓްގެ ޕްރޮޖެކްޓާއި ގުޅުންހުރި މަސައްކަތްތައް ވަނީ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ