ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބ. ކެންދޫ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކިހާދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައާއި އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރަން ބޭނުންވާކަމަށާއި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާއި ރަށު ކައުންސިލުގެ އިމާރާތުގެ ދަތިކަން އަދި އެރަށުގެ ބިމުގައި ދިގުމުއްދަތަށް ދޫކޮށްފައިވާ ބައެއް ތަންތަނާ ގުޅޭ އެކަށީގެންވާ މަޢުލޫމާތުތައް ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ކައުންސިލަށް ނުލިބުމުގެ ކަންބޮޑުވުން ހިމެނެއެވެ.
މީގެ އިތުރުން ތިމާވެށީގެ ގޮތުންނާއި ޚާއްސަކޮށް މަސްވެރިކަމަށް އެންމެ ރަނގަޅު ބައެއް ސަރަޙައްދުތައް އެހެން ބޭނުންތަކަށް ދޫކުރުމުގެ ކަންބޮޑުވުން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކިހާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކޮމިޓީއަށް ލިބޭ ބަޖެޓަކީ އެކަށީގެންވާ އަދަދަކަށް ނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގަތް ގޮތަށް އޮފީސް ކޮމްޕްލެކްސް އިމާރާތަކާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންތައްތައްވެސް ހަމަޖައްސައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ