މާލޭ ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައި ދުމުގެ އަސަރު ކޮށްގެން 28 މީހަކު ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފް އާއި ފުލުހުން ބުނީ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ ރޭ 10:49 ހާއިރު ކަމަށެވެ.
ރޭ 12 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށް، ނިއްވާލާފަ އެވެ.
ތަފްސީލް - ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
"މި ހާދިސާއާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ."
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ)ން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން 25 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
އަލިފާން ރޯވި ތިން އެޕާޓްމަންޓަށާއި ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭގެ ފަރާތުން އިންސާނީ އެހީތެރިކަމާއި ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
"މި ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58އަށް ވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވޭ،" އެންޑީއެމްއޭން ބުންޏެވެ.
މާލޭގެ ގެއެއްގައި ރޯވެ، ދުމުގެ އަސަރުކޮށްގެން 28 މީހަކު ހޮސްޕިޓަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ