26 ނޮވެންބަރު 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް މާލޭގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުގައި މަރާލާފައިވާ މައްސަލައިގައި ޙުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅި ގެން ތަޙުޤީޤުކުރާ ފަރާތުން ހޯދި ވީޑިއޯ ފުޓޭޖްތަކާއި މުނީރުލް އިސްލާމް ގެ ފޯނުގެ ކޯލް ޑީޓެއިލްސް އަށް ބަލައި މުނީރުލް އިސްލާމް މަރާލިކަމުގެ ތުހުމަތުކުރެވުނީ ބަންދްލަދޭޝް ރައްޔިތެއްކަމަށްވާ ކަމްރުލް އިސްލާމް އަށެވެ.
ކަމްރުލް އިސްލާމް މައްސަލައިގެ ތަޙްޤީޤުގައި މުނީރުލް އިސްލާމް މަރާލިކަމަށް އިޢުތިރާފެވެފައިވެއެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، މުނީރުލް އިސްލާމް މަރާލަން ބޭނުންކުރި ރީނދޫ މުއްގަނޑުލީ ވަޅިއާއި، އެދުވަހު ލައިގެން ހުރި ގަމީސް ޓީޖެޓީ ސަރަޙައްދަށް އެއްލާލާފައިވާކަމަށް ކަމްރުލް އިސްލާމް ތަޙްޤީޤު މަރުޙަލާގައި ބުނުމުން އެތަކެތި އެސަރަޙައްދުން ހޯދުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. އަދި އެ މަސައްކަތުން ވަޅިއަކާއި ގަމީހެއް އެސަރަޙައްދުން ފެނިފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން އޮތް ނަމަވެސް، މިތަކެތިން އެއްވެސް ކަހަލަ މާއްދީ ހެއްކެއް ލިބިފައިނުވާކަން އެނގެން އޮންނަ ކަމަށް ޙުކުމުގައިވެއެވެ.
އޭގެ އިތުރުން، ކަމްރުލް އިސްލާމް މިމައްސަލައިގައި ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ކިޔާދީފައި ހުރިކަންކަން ޝަރީޢަތަށް ސާބިތު ކޮށްދިނުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅާފައިވީނަމަވެސް، ދަޢުވާލިބޭ ފަރާތާއި ކުށުގެ ޢަމަލާ ގުޅުވާލެވޭފަދަ ވަރުގަދަ ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައިނުވާކަމަށް ޙުކުމުގައިވެއެވެ.
އެހެންނަމަވެސް ހައިކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ހައިކޯޓުން ވަނީ އޭނާގެ ކިބައިން މަރުގެ ދިޔަ ނެގުމަށް ޙުކުމްކޮށް، 133،333.33 (އެއްލައްކަ ތެއްތިރީސް ހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތެއްތިރީސް ލާރި) މަރުގެ ދިޔައިގެ ގޮތުގައި ދެއްކުމަށް ޙުކުމްކޮށްފައެވެ.
ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، ޤާތިލުގެ ކިބައިން ޤިޞާޞް ހިފުމާއި ދިޔަ ދިނުމާ ދެގޮތުންކުރެ ގޮތެއް ވާރިޘުން ޚިޔާރުނުކޮށް ފަނޑިޔާރުން ގޮތެއް ނިންމަންޖެހޭ ގޮތަށް އޮތުމުން އެޙާލަތުގައި އުފެދިގެން އަންނަ ޝުބުހައިގެ މަންފާ ލިބިދޭންޖެހޭނީ ޤާތިލަށް ކަމަށް ބުރަވެވޭތީ، މި މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި ވާރިސުން އެދިފައިވާ ދެގޮތުގެ ތެރެއިން މަރުގެ ދިޔަ ނަގައިދޭން ނިންމާ ކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ކަމްރުލް އިސްލާމްގެ ފަރާތުންނެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގައި ފަނޑިޔާރުން ވަރަށް ގިނަ ސުވާލުތައް އަމާޒު ކުރެއްވިއެވެ.
އޭގެ ތެރޭގައި ތަހުގީގު މަރުޙަލާގައި އޭނާއަށް ވަކީލެއްގެ ފުރުސަތު ލިބިފައިވޭތޯ ސުވާލު ކުރައްވާފައިވެއެވެ. އަދި މި މައްސަލައިގައި ޤިޞާސް ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނަގަން ހައިކޯޓުން ނިންމި ގޮތާ ގުޅޭގޮތުން އަމާޒުވި ސުވާލުތައްވެސް ހިމެނެއެވެ.
އެ ސުވާލުތަކަށް ތަފްސީލީ ގޮތެއްގައި ދައުލަތާއި ކަމްރުލް އިސްލާމްގެ ފަރާތުން ޖަވާބުދީފައިވެއެވެ.
އެގޮތުން ބަލާއިރު، ޤާނޫނީ ވަކީލެއްގެ ޙައްޤާއި ގުޅޭ ގޮތުން ކަމްރުލް އިސްލާމްގެ ފަރާތުން ކަންކުރަން އެދުނު ގޮތެއް އޭނާ ސޮއިކޮށްފައިވާ ތަޙްޤީޤު ބަޔާނަކުން ފެންނާކަށް ނެތެވެ. އަދި އެ ބަޔާން އެ ގޮތަށް ނެގެނީ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި ނޫންގޮތަކަށް އެ ބަޔާން ދިނުމަށް އޭނާ ރުހިގެންކަންވެސް އެ ބަޔާނުން އެނގޭކަށް ނެތެވެ.
އެހެންނަމަވެސް މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ފަރާތުން ތަޙްޤީޤަގަށް ބަޔާން ދިނުމުގެ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ އަށް ބެލުމުން ތަޙްޤީޤަށް ބަޔާން ނެގުމުގެ ކުރިން ކަމްރުލް އިސްލާމަށް ޤާނޫނީ ވަކީލެއްގެ ޙައްޤު ލިބިގެންވާކަން ފުލުހުންގެ ފަރާތުން އޭނާއަށް އެންގުމުން ދައުލަތުން ކަމްރުލް އިސްލާމަށް ޤާނޫނީ ވަކީލަކު ހަމަޖެހިދާނެތޯ ކަމްރުލް އިސްލާމް ފުލުހުންނާއި ސުވާލު ކުރާތަން ފެނެއެވެ. އަދި އެ ސުވާލުގެ ޖަވާބުގައި މި މައްސަލަ ތަޙްޤީޤު ކުރި ފުލުހުންގެ ފަރާތުން ބުނެފައިވަނީ ތަޙްޤީޤު މަރުޙަލާގައި ދައުލަތުގެ ވަކީލަކު ހަމަ ޖެއްސޭނެ ގޮތެއް ނޯންނަކަމަށާއި މައްސަލަ ޝަރީޢަތަށް ދިއުމުން އެ ފުރުޞަތު ކަމްރުލް އިސްލާމަށް އޮންނާނެކަމަށެވެ.
އެ އިންޓަވިއު ރެކޯޑިންގ ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގައިވެސް އިއްވާފައިވެއެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއުސުއޫދު އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ.
މި މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ރައުޔު އިއްވަވަމުން ވިދާޅުވީ، ފުލުހުންނާ ކޯޓުގެ އިޖުރާއަތުތަކަށް ނުފަރިތަ މީހަކު ވަކީލަކު އައްޔަނުކުރުމުގެ ޙައްޤު ދޫކޮށްލާފައިވާނަމަ، އެ ޙައްޤު ދޫކޮށްލީ އެމީހާގެ އަމިއްލަ އިހުތިޔާރުގައި ނޫންކަމަށް ބެލުމުގެ ފުރުސަތަކީ އޮތް ފުރުސަތެއް ކަމަށާއި، އެހެންކަމުން އެކަންކަން ކަށަވަރު ކޮށްފައި އޮންނަންޖެހޭނެ ކަމަށެވެ.
ވަކިން ޚާއްސަކޮށް، ތުހުމަތު ކުރެވޭ މީހާގެ އުމުރާއި، ޤައުމާއި، އެ ޝަރީއަތް ކުރިއަށްދާ ޤައުމުގެ ޤާނޫނީ ނިޒާމަށް އަދި ޤައުމުގެ ބަހަށް އެމީހަކު ފަރިތަ މިންވަރަކީ ބޭރު ޤައުމުތަކުން ބަލާ ކަންކަން ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، ޤާނޫނީ ވަކީލެއްގެ ޙައްޤަކީ އިންސާނީ ޙައްޤެއް ކަމަށާއި، އެ ޙައްޤު ދިނުމަކާ ނުލައި ކުރިއަށްދާ ޝަރީއަތްތަކުގައި މަރުގެ އަދަބު ނުދެވޭނެކަމަށް އެކުވެރި ދައުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލާއި، ޖަމާއަތްތަކުން ކަނޑައަޅާފައިވާ ކަމަށެވެ.
”ފުލުހުންނާ ކޯޓުގެ އިޖުރާއަތުތަކަށް ނުފަރިތަ މީހަކު ވަކީލަކު އައްޔަނުކުރުމުގެ ޙައްޤު ދޫކޮށްލާފައިވާނަމަ، އެ ޙައްޤު ދޫކޮށްލީ އެމީހާގެ އަމިއްލަ އިހުތިޔާރުގައި ނޫންކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ، ހަމައެހެންމެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ވަކީލެއްގެ ފުރުސަތު ހޯދުމެއްނެތި އޭނާ އަވަހަށް މިނިވަންވުމުގެ ނުވަތަ ކުށަށް ލުއި ލިބިދިނުމުގެ ވައުދުތަކަށް ހެއްލިހުރެ ދޭ ބަޔާންތަކަކީވެސް މަޖުބޫރުން ހޯދާފައިވާ ބަޔާންތަކެއްކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ، ވަކީލެއްގެ ފުރުސަތު ދޫކޮށްލާއިރު އޭގެ ނަތީޖާ ތުހުމަތުވާ މީހާއަށް ސާފުވެފައި އޮންނަންޖެހޭނެ.“
ފަނޑިޔާރު ވިދާޅުވީ، ކަމްރުލް އިސްލާމްއަށް ލިބިގެންވާ ޙައްޤުތައް ފުލުހުން ކިޔާދީފައިވާކަން އެނގޭނެ އެއްވެސް ލިއުމެއް މި މައްސަލައިގައި ހުށަހެޅިފައި ނެތް ކަމަށެވެ. އޭނާ އިއުތިރާފުވެފައިވަނީ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ކަށަވަރުކޮށް، ނުފޫޒެއް ނެތިކަން އެނގެން އޮންނަންޖެހޭނެކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންނަމަވެސް ކަމްރުލް އިސްލާމް ދިން މައުލޫމާތަށް ބިނާކޮށް މި މައްސަލައިގެ ކަން ހިނގާދިޔަ ގޮތާ ގުޅޭ މުހިއްމު ހެކިތަކެއް ހޯދިފައިވެއެވެ. އޭގެ ތެރޭގައި މަރާލުމަށް ބޭނުންކުރި ވަޅިއާއި، އެރޭ ކަމްރުލް އިސްލާމް ލައިގެން ހުރި ގަމީސްވެސް ހިމެނެއެވެ. އަދި އެއަށްފަހު އޭނާގެ އިއުތިރާފު އިންޓަވިއުއާއި ބަޔާން ރެކޯޑުކޮށްފައިވެއެވެ.
އެހެންނަމަވެސް މި މައްސަލައިގައި އޭނާ ފުލުހުންގާތު ފުރަތަމަ ވެފައިވާ އިއުތިރާފުވިއިރު، އަދި އެ އިއުތިރާފުގެ މައްޗަށް ހެކިތައް ހޯދިއިރު އޭނާއަށް ޤާނޫނުން ލިބިދޭ ޙައްޤުތައް ކަށަވަރު ކޮށްދެވިފައިވާކަން މި މައްސަލައިގައި އެނގޭކަށް ނެތެވެ.
އެހެންކަމުން ކަމްރުލް އިސްލާމްގެ ފަރާތުން ބުނެފައިވަނީ، އެ ހެކިތަކަށް “ ދި ފްރުޓް އޮފް ދި ޕޮއިޒަނަސް ޓްރީ“ (ޣައިރު ދުސްތޫރީ އަމަލުތަކުން ހޯދާ ހެކި) ގެ މަބްދައު ހިނގާނެކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، ޔޫރޮޕް އަދި ކޮމަންވެލްތް ފަދަ ޤައުމުތަކުގައި މިފަދަ ހެކި ބަލައިގަންނަ ކަމަށާއި، އެ ޤައުމުތަކުންވެސް ބަލައިނުގަނެ ދޫކޮށްލަނީ ސީދާ ޤާނޫނު ބޮލާލައި ޤަސްތުގައި ޤާނޫނު މުގުރާލައިގެން ހޯދާ ހެކި ކަމަށެވެ.
މީގެ އިތުރުންވެސް ބައެއް ޤާނޫނީ ނިޒާމުތަކުގައި މި ޙާލަތުގައި ބަލާ ކަންކަމަށް ފަނޑިޔާރު އަލިއަޅުވާލައްވާފައިވެއެވެ.
ރާއްޖެއަށް ބަލާއިރު، އާންމު އުސޫލަކީ އެފަދަ ހެކި ބަލައިނުގަތުން ކަމަށާއި، ޣައިރު ޤާނޫނީ ހެއްކާމެދު އަމަލުކުރަން ވަކި އިރުޝާދެއް ނެތް ކަމަށެވެ.
އެހެންކަމުން އިސްތިސްނާ ޙާލަތްތައް ޤާނޫނެއްގައި ބަޔާންކޮށްފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި، މިވަގުތު އެފަދަ ޤާނޫނެއް ނެތުމަކީ ކުށް ކުރާ މީހުންނަށް މުތުލަޤަށް ފަހި ވެއްޓެއް ޤާއިމުކޮށްދިނުމެއްވެސް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުނު ނަމަ، މި މައްސަލައިގައި ލިބުނު ވަޅިއާ މި މައްސަލައާ ގުޅުވާލެވޭ ފަދަ އިތުރު ހެކި ލިބެން އޮތް ކަމަށެވެ. ނަމަވެސް ކަމްރުލް އިސްލާމްގެ އިއުތިރާފުން ހޯދި ދެ ހެއްކަށް ބާރު ލިބިދޭފަދަ އިތުރު ހެއްކެއް މި މައްސަލައިގައި ނެތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ކަމްރުލް އިސްލާމް އިއުތިރާފުވުމުގެ ކުރިން މި މައްސަލައާ ގުޅޭ ޖީންސް ފުލުހުން ހޯދާފައިވާ ކަމަށާއި، އަދި އެއިން ޑީއެންއޭ ހެކި ނަގާފައިވާ ކަމަށެވެ. އެ ހެއްކަކީ ބަލައިގަނެވޭނެ ހެކިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ދެން ހުރި ހެކިތަކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިކަމަށް ދެކިލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި ކަމްރުލް އިސްލާމްއާ ދެކޮޅަށް އޮތް އެންމެ ބޮޑު ހެއްކަކީ އޭނާގެ ފައިތިލައިގެ ނިޝާން ކްރައިމް ސީންގައި ހުރުމެވެ. މީގެ އިތުރުންވެސް އިތުރު ހެކި ހުރިއިރު، އޭގެ ތެރެއިން މުހިއްމު ގިނަ ހެކިތަކެއް ދައުލަތުން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި، އެއީ ކީއްވެގެންކަން ސާފުނުވާކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައިގައި މުނީރުލްއިސްލާމް މަރުވިއިރު އޭނާ އެންމެ ފަހުން ހުރީ ކަމްރުލްއިސްލާމްއާ އެކުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން ސާބިތުވެއެވެ. އެހެންކަމުން ”ލާސްޓް ސީން ތިއަރީ“ ވެސް މި މައްސަލައަށް ފެތެއެވެ.
ހަމައެއާއެކު، ކަމްރުލް އިސްލާމްއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތައް ނަފީ ކުރެވޭ ފަދަ އެއްވެސް ހެއްކެއްވެސް އޭނާގެ ފަރާތުން ހުށަހެޅިފައި ނެތްކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.
ކަމްރުލް އިސްލާމްގެ އިއުތިރާފު އެއްފަރާތްކުރުމުން މުޅިންވެސް ހުރީ ޤަރީނާ ކަމަށާއި، އެ ޤަރީނާތަކުގައި ފުށުއެރުމެއް ނެތްކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން ފަނޑިޔާރު އަޒްމިރަލްދާ ވަނީ ކަމްރުލް އިސްލާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދެކިލައްވާކަމަށް ވިދާޅުވެފައެވެ.
ފަނޑިޔާރު ވަނީ ކްރިމިނަލް ކޯޓުން މައްސަލަ ނިންމީ ރަނގަޅަށް ނޫން ކަމަށާއި، ހައިކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ސަބަބުތައް ބާތިލުކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ޙުކުމާއި މަރުގެ ދިޔަ ދެއްކުމުގެ ޙުކުމް ދެމެހެއްޓެވުމަށް ފެންނަކަމަށް ވިދާޅުވެފައެވެ.
އެ ރައުޔަށް ބާކީ ތިއްބެވި ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.
އެހެންކަމުން މި ދައުވާ ކަމްރުލް އިސްލާމްގެ މައްޗަށް ސާބިތުވާކަމަށް ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.
މުނީރުގެ މަރު: ކަމްރުލް އިސްލާމް އުމުރަށް ޖަލަށްލުމަށް ކުރި ޙުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ