އެމްކިއުއޭއިން ކުރީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް: އެވިޑް ކޮލެޖު

ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީ (އެމްކިއުއޭ)އިން އެވިޑު ކޮލެޖަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް އެވިޑު ކޮލެޖުން ބުނެފިއެވެ. އެކަމާ ގުޅިގެން އެވިޑް ކޮލެޖުން ނެރުނު ބަޔާނުގައި ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި އެވިޑް ކޮލެޖުން ބައިނަލްއަގްވާމީ ތައުލީމީ މުއައްސަސާތަކާއެކު އިލްމީ އެތައް ގުޅުންތަކެއް ކަށަވަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އެމްކިއުއޭއިން ޕްރޮގްރާމުތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ އުސޫލުގެ ދަށުން އެ ކޮލެޖަށް ފިޔަވަޅު އެޅިއިރު، އެ ކޮލެޖާ އެއްވެސް ވަރަކަށް އެކަން ހިއްސާކޮށްފައި ނުވާކަމަށާއި، މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ވެސް ހޯދާފައި ނުވާކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކަން ހިނގާފައިވާ ގޮތާ ގުޅިގެން ސުވާލުކޮށްފައި ވެސް ނުވާކަަމަށް އެވިޑް ކޮލެޖުން ވަނީ ބުނެފައެވެ. އެހެންކަމުން މިކަމުން ހާމަވަނީ އެއްވެސް އިޚްލާސްތެރިކަމެއް ނެތި އެ ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ގެއްލުވާލުމަށް އެމްކިއުއޭއިން ކޮށްފައިވާ ކަމެއްގެ ގޮތުގައި ކަމަށް އެ ކޮލެޖުން ވަނީ ސިފަކޮށްފައެވެ. އަދި އެއީ އެ ކޮލެޖުގެ ރީތި ނަން ކިލަނބުކޮށްލުމަށް ހިންގާފައިވާ އަދާލަތުގެ އަމަލުތަކާ ޚިލާފު އަމަލެއް ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ. އެ ކޮލެޖުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ގެ ފަހުން އެ ކޮލެޖުން ބައިނަލްއަގްވާމީ ތައުލީމީ މުއައްސަސާއެއް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށް ބުނެފައެވެ. ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައި ވާތީ އެމްކިއުއޭއިން އެވިޑް ކޮލެޖު ޖޫރިމަނާކުރީ ނިމުނު ހޮނިހިރު ދުވަހުގައެވެ. https://sun.mv/223670 އެމްކިއުއޭއިން ވަނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅައި އެކަން އާންމުކޮށް އިއުލާނު ކޮށްފައެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އެ އޮތޮރިޓީން ވަނީ ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށް ބުނެ އެކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައިފައެވެ. އަދި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖް މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ