ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައިއެމްއެފް އިން ބުނެފި
ދައުލަތުގެ ޚަރަދުތަކާއި، ބޭރުގެ މާލީ މުއާމަލާތްތަކާއި އަދި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، ފާއިތުވި އަހަރު ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހާމަކޮށްފިއެވެ.އައިއެމްއެފްގެ ވަފުދަކުން މި މަހުގެ 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު މިއަދު އާންމު ކުރި ރިޕޯޓުގައި ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.އެ ގޮތުން ފަތުރުވެރިކަން ދަށަށް ދިއުމާއި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) ކުރިއަރާ މިންވަރު އެއް ޕަސެންޓަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް އައިއެމްއެފުން ބުނެފައިވެ އެވެ.އައިއެމްއެފުން ބުނީ 2027 ވަނަ އަހަރުން ފެށިގެން މެދު ރާސްތާގައި މި އަދަދު ހަތަރު ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.ދައުލަތުގެ ދަރަންޏާއި ބޭންކިންގް ދާއިރާއާ ދެމެދު އޮތް ގުޅުން ބޮޑުވުމަކީ، އެކަމަށް އެދެވޭ ހައްލެއް ނުގެނެސްފިނަމަ މާލީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްކަން އައި.އެމް.އެފް އިން ފާހަގަކުރިއެވެ. އެހެންކަމުން، މާލީ ނުތަނަވަސްކަން ކުޑަކޮށް، ދައުލަތުގެ ދަރަނި ދަށްކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ސިޔާސަތުތަކަށް ބަދަލު ގެނައުމަށް އެ ފަންޑުން އިރުޝާދު ދީފައިވެއެވެ. މި ފިޔަވަޅުތައް އަޅަންވާނީ މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، މުޖުތަމައުގެ ނާޒުކު ފަންތީގެ މީހުންނަށް ކުރާނެ އަސަރުތަކުން އެފަރާތްތައް ހިމާޔަތްކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.އައި.އެމް.އެފްގެ ވަފުދުން ޖޫން 4 އިން 14 އަށް ރާއްޖެއަށް ކުރި މި ޒިޔާރަތުގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި، އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، އަމިއްލަ ސެކްޓަރުގެ މަންދޫބުންނާއި ތަރައްގީގެ ބައިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ