ރިފެރެންޑަމް ވޯޓު ހުއްޓުވަން ހުށައެޅި މައްސަލައިގެ އަޑުއެހުން މާދަމައަށް ތާވަލުކޮށް، އަލީ ހުށައެޅި މައްސަލަ ބޭރު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ނަގާ ރެފަރެންޑަމް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމައަށް ތާވަލުކޮށްފިއެވެ.
ސުވާލު ގޯސް ކަމަށް ބުނެ، ރެފެރެންޑަމް ވޯޓު ހުއްޓުވަން ހުށައެޅި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށް ތާވަލުކޮށްފައެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުޣަނީ މުހައްމދު، ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދުއެވެ.
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލަ ހުށައެޅިއެވެ. އެގޮތުން އޭޕްރިލް 4 ގައި ބާއްވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ވަނީ އެއް މައްސަލަ ހުށައަޅާފައެވެ.
އެއް މައްސަލަ ހުށައެޅީ ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު މޫސާއެވެ.
ދެވަނަ މައްސަލައަކީ ދެ އިންތިޚާބު އެކީގައި ބޭއްވުމަށް މަޖިލީހުން ފާސްކުރި ބިލު މުއްދަތު ފަހަނައަޅައި ދިޔުމުން އެ ބިލަކީ މިހާރު ބާތިލުވެފައިވާ ބިލެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށައެޅި މައްސަލައެވެ.
ރައީސުލްޖުމްޙޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު އިއުލާނު ބުނާ ގޮތުން ވޯޓަށް އަހަނީ، ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ“ ކަމަށް އެ މައްސަލައިގައި ބުންޏެވެ. އަދި އޭގެ ބަދަލުގައި އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް ރުހޭތޯ ނުވަތަ ނޫންތޯ ކަަމަށް މައްސަލައިގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ