ހައުސިން ޔުނިޓުތަކެއް އަޅަން ސަރުކާރުން ކުރި ޓެންޑާތަކަކަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި ބިޑުތަކެއް ކެންސަލްކޮށްފައި ވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ވެސް މިއަދު ކަނޑައަޅައިފި އެވެ.
އެއީ ތ. ވިލުފުށްޓާއި ހދ. ހަނިމާދޫ އާއި އެ އަތޮޅު ނޮޅިވަރަންފަރުގައި ހައުސިން ޔުނިޓުތަކެއް އަޅަން 2021 ވަނަ އަހަރު ސަރުކާރުން ކުރި ޓެންޑާތަކެކެވެ. އެސްޖޭ އިން ބިޑު ހުށަހެޅީ އެސްޖޭ ޓްރޭޑްއާއެކު ޖޮއިން ވެންޗާއަކުންނެވެ.
އެސްޖޭގެ ބިޑުތައް ޑިސްކޮލިފައިކޮށްލީ ނެޝަނަލް ޓެންޑާ ބޯޑުންނެވެ. ދެ ބިޑެއް ޑިސްކޮލިފައި ކުރީ "އެމްޕްލޯޔާސް ރިކުއާމެންޓް" އަދި "ފައިނޭންޝަލް ރިސޯސާސް ރިކުއާމެންޓް" ފުރިހަމަނުވާތީ އެވެ. އަނެއް ބިޑު ޑިސްކޮލިފައި ކުރީ ލެޓާ އޮފް ކްރެޑިޓް، "ފައިނޭންޝަލް ރިސޯސާސް" ގެ ގޮތުގައި ބަލައިނުގަތުމަށް ނިންމުމަށްފަހު އެވެ.
ބިޑުތައް ބަލައިނުގަންނަން ނިންމުމުން އެސްޖޭއިން ވަނީ އެ މައްސަލަތައް މުސްތަގިއްލު ރިވިއު ކޮމިޓީއަށް ހުށަހަޅައިފަ އެވެ. މައްސަލަ ބެލުމަށްފަހު ކޮމިޓީ އިން ޓެންޑާ ބޯޑަށް އެންގީ، އެސްޖޭގެ ބިޑުތައް ހިމަނައިގެން އަލުން ބިޑުތައް އިވެލުއޭޓް ކުރުމަށެވެ.
ޓެންޑާ ބޯޑަށް އެގޮތަށް އެންގުމުން، އެ ބޯޑުން ވަނީ އެސްޖޭ ކޮންސްޓްރަކްޝަންގެ ފައިނޭންޝަން ރިސޯސާސް ރިކުއާމަންޓާ ގުޅޭ މައުލޫމާތު ބޭންކް އޮފް ސިލޯނުން ހޯދައިފަ އެވެ. ޓެންޑޯ ބޯޑުން ނިންމީ ބޭންކުން ލިބުނު މައުލޫމާތުތަކަކީ އެސްޖޭއަށް ބިޑާއެކު ހުށަހެޅުމުގެ ފުރުސަތު އޮތް މައުލޫމާތުތަކެއް ކަމަށެވެ.
ޓެންޑާ ބޯޑުން ނިންމީ، އެސްޖޭގެ ބިޑުތައް އިވެލުއޭޓް ކުރަން މުސްތަގިއްލު ކޮމިޓީ އިން އެންގި ނަމަވެސް އެ ނިންމުމަށް އަމަލު ނުކުރުމަށެވެ. އެސްޖޭ އިން ސިވިލް ކޯޓަށް ހުށަހެޅީ އެ މައްސަލަ އެވެ. އެ މައްސަލަތައް ކޯޓަށް ވެއްދީ ވަކި ތިން މައްސަލައެއްގެ ގޮތަށެވެ.
ސިވިލް ކޯޓުން ނިންމީ ޓެންޑާ ބޯޑުން އަމަލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެސްޖޭގެ ބިޑު ކެންސަލްކޮށްގެން ބިޑު އެވަލުއޭޝަންގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާތީ އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރުމަށްފަހު ދައުލަތުން ހައި ކޯޓުގައި ބުނީ، އެސްޖޭގެ ބިޑުތައް އިވެލުއޭޓު ކުރަން އެންގި މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުން ޓެންޑާ ޑޮކިއުމެންޓާ ހިލާފު ކަމަށެވެ. އެހެންކަމުން އެ ނިންމުންތަކަށް ޓެންޑާ ބޯޑުން އަމަލު ކުރަންނުޖެހޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ހައި ކޯޓުން މިއަދު ނިންމީ ދައުލަތުން އެދިފައިވާ ގޮތަށް ސިވިލް ކޯޓުގެ ހުކުމްތަކަށް ބަދަލަު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސެއިން އެވެ.
ސަރުކާރުން 2021 ގައި އެސްޖޭގެ ބިޑުތަކެއް ބަލައިނުގަތީ ގޯސްކޮށް ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ