ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭންއާއި ޖަމީލް!

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮވައިފި އެވެ.
ޕީއެންއެފްއިން ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގައި، ޕާޓީގެ ރައީސްކަމަށް ނަން ހުށަހެޅުއްވީ ރައީސް ޔާމީން އެކަންޏެވެ.
ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހޮވިފައި ވަނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީނެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ޕާޓީގެ ނައިބު ރައީސެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
ކުރީގެ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް އިންތިހާބު ކުރީ ޕާޓީގެ އަމީންއާންމުގެ މަގާމަށެވެ. އަދި ޓްރެޒެރަރ ގެ މަގާމަށް ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފްސް ސްޓާފްކަން ކުރެއްވި އަހުމަދު މުސްތަފާ (މުސްތޮ) ވަނީ އައްޔަނުކޮށްފަ އެވެ.
ޕާޓީގެ ދާއިމީ މަގާމުތަކަށް އެކި ބޭފުޅުން އައްޔަނު ކުރިއިރު، އަދި ސެންޓަރުންނާއި ރެޖިސްޓްރަރ އިންތިހާބު ކުރުން އޮންނާނެ އެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކޮށް ވިދާޅުވީ އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ