އެމްޑީޕީ އިން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީ އަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލިސްއިން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުލުވާލައިފި އެވެ.
އެޕާޓީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ފުރުޞަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 2 ވާ ބުރާސްފަތި ދުވަހުގެ 16:00 ނިޔަލަށް ކަމަށެވެ.
މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ އެޕާޓީގެ މެންބަރުން އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދުފޯމާއިއެކު ފޯމް ފުރިހަމަކުރެއްވުމަށް ފަހު ހުށައެޅުން އެދޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާގެ މެންބަރުކަން ކުރައްވަމުން އައި މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވުމާއި ގުޅިގެންނެވެ.
އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުން މިމަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގިތުގައި ރިޟާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯދަމުންގެންދަވަނިކޮށް މެލޭޝިޔާގައެވެ.
ރިޟާ ވަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. ރިޟާ އަކީޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ މެމްބަރެކެވެ. ޕީ.ޕީ.އެމް އަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ