މާދަމާ އަކީ ފިތުރު އީދު ދުވަސް

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ނިންމައިފި އެވެ.
ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގައި ބުނީ ފަލަކީ ހިސާބުން ރާއްޖެ އަށާއި އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާތީ މާދަމާ އަކީ ޝައްވާލު މަހުގެ 1 ކަމަށެވެ.
މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށްވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ނިންމައިފަ އެވެ.
މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމް އަދި ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އީދު ނަމާދަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމަށާއި، އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަމިއްލަ ފެންފުޅިއެއް ގެނައުމުގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށް އިލްތިމާސްކޮށްފަ އެވެ.
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ