ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ދާއިމީ ނަތިޖާ އިޢުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ދާއިމީ ނަތީޖާއާއި ކުރިން އިއުލާންކުރި ވަގުތީ ނަތީޖާގައި ތަފާތެއް ނެތެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވިި ބައި-އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒްއެވެ. މި އިންތިހާބުގައި އޭނާއާ ވާދަކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމް އާއި، އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ އާރިފްއެވެ.
ދާއިމީ ނަތީޖާގައިވާ ގޮތުން ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒަށް ވަނީ 1346 ވޯޓު ނުވަތަ ވޯޓްލީ މީހުންގެ %49.96 އިންސައްތަ ހޯއްދަވާފައެވެ. ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1226 ވޯޓު ނުވަތަ %45.51 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ %4.53 އެވެ.
އިންތިޚާބުގައި ޖުމްލަ 2755 މީހުން ވަނީ ވޯޓުލާފައެވެ. އޭގެތެރޭގައި 1431 ފިރިހެންނުންނާއި 1324 އަންހެނުން ހިމެނެއެވެ. ބާތިލު ވޯޓުގެ އަދަދަކީ 61އެވެ.
އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓިއެވެ. އެގޮތުން ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮއްޓެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީމަހު އަވަހާރަވުމާއި ގުޅިގެންނެވެ. އަދި މިއީ އެމްޑީޕީން މިގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ