ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން އަނިޔާވި ތިން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
މި މައްސަލައިގައި ފުލުހުން މައުލޫމާތު ދިން ގޮތުގައި އުނގޫފާރު ކުޑަކުދިންގެ ޕާކް ކައިރީ ހުރި ހޮޅިދަނޑިއަކުން ކަރަންޓް އައިސް ދެ ކުއްޖަކު ކަރަންޓްގައި ޖެހިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔަ މެންދުރުފަހު 1:30 ހާއިރު ކަމަށެވެ.
އެ ކުދިންގެ ފަރުވާއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ރަށު ހޮސްޕިޓަލުން ބުނީ މި ހާދިސާގައި ތިން ކުދިންނަށް އަނިޔާވި ކަމަށެވެ. އެންމެ ބޮޑަށް ހާލު ދެރަވީ 18 އަހަރުގެ ފިރިހެން ކުއްޖާއަށްކަމަށް ބުނިއެވެ. މި ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
ކުއްޖާގެ ހިތާއި ފުއްޕާމޭ މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރާ ހަވާލާދީ އާއިލާއިން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. ސީޕީއާރު ދިނުމަށްފަހު ދެން އޮތީ ބައިގަޑިއިރު ކަމަށް ޑޮކްޓަރު އެންގިކަމަށް ބުނެފައިވެއެވެ.
އެ ކުއްޖާ އޮތީ ވެންޓިލޭޓަރުގެ އެހީގެއެވެ. ތަފްސީލް ޖަވާބެއް ދެވޭނީ 72 ގަނޑިއިރު ފަހުންކަމަށް ޑޮކްޓަރު ވިދާޅުވިކަމަށް އާއިލާއިން ބުނެފައިވެއެވެ.
ދެން ތިބި ދެ ކުދިންގެ ހާލު ރަނގަޅު ނަމަވެސް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
18 އަހަރުގެ ކުއްޖާ އެތަނަށް ގޮސްފައިވަނީ ކަރަންޓުގައި ޖެހުނު އަނެއް ދެ ކުދިން ސަލާމަތް ކުރުމުގެ ގޮތުންނެވެ.
ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން އަނިޔާވި ކުދިންގެ ތެރެއިން އެއް ކުއްޖަކު ވެންޓިލޭޓަރުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ