ކޯޓުން ބޭރުކޮށްލީ އޭސީސީއިން ތަހުގީގަށް ފޮނުވި މައްސަލައެއް ނޫން: އޭސީސީ

ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާ ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު އާއި ގުޅުން ހުރި މައްސަލައަކީ އެ ކޮމިޝަނުން ޕީޖީއަށް ހުށައަޅާފައިވާ މައްސަލައެއް ނޫންކަމަށް އޭސީސީއިން ބުނެފިއެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ 2013، ގައި އޭރުގެ ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި އެއްބަސްވުމުގެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާއިއެކު ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކޮށް އެންޓިކޮރަޕްޝަން ކޮމިޝަނުންވަނީ ބަޔާނެއް ނެރިފައެވެ.
އޭސީސީއިން ބުނެފައިވާގޮތުން ފުށިދިއްގަރުފަޅުން އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޭރު ބަޔަކަށް ދިންކަމަށް ބުނާ މައްސަލައަކީ އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާފައިވާ މައްސަލައެއްކަމަށެވެ.
ކޮމިޝަނުން ބުނެފައިވާގޮތުން އޭރު ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެ ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ ގޮތުން އޭރުގެ ސިޔާސަތުތަކާއި އެއްގޮތަށް ފަޅުގެ ބޮޑުމިނަށް ބަލައި ދައުލަތުން އަކަފޫޓަަކަށް ކަނޑައެޅިފައިވާ މިންވަރަށް އިންކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދެއްކުމުން ނޫނީ، ފަޅު ކުއްޔަށް ދީގެން ނުވާނެކަމަށް އެ މައްސަލައިގައި ޓުއަރިޒަމް މިނިސްޓްރީއަށްވެސް އަންގާފައިވާނެކަމަށް ހާމަކުރިއެވެ.
އޭސީސީއިން ބުނެފައިވާގޮތުން ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެކުލަވާލި ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ރިވިއުކުރުމަށްފަހު އަލުން ބަލަން ނިންމި މައްސަލައެއްކަމަށާއި، އެކަން ކުރަން ނިންމާފައިވާކަން ކޮމިޝަނުންވަނީ 2020 ވަނަ އަހަރުގެ ތެރޭގައި އޭސީސީއަށް ސިޓީއިން އަންގާފައިކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މިފަހުން ކޯޓުން ބޭރުކޮށްލާފައިވަނީ އޭސީސީއިން ޕީޖީއަށް ފޮނުވައި ތަހުގީގުކޮށްދިނުމަށް އެދިފައިވާ މައްސަލައެއް ނޫންކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ