ނިޒާމު މިހާރު އޮތް ގޮތުން ދިމާވާ ބޮޑު ހާދިސާއެއްގެ ސަބަބުން ލިބޭ މާލީ ގެއްލުމަށް އިންޝުއަރެންސް ބަދަލު ހޯދުމަށް ކޯޓުގެ ތެރެއިން އެތައް ވަގުތެއް ހޭދަވެ މައްސަލަ ދިގުލައިގެން ގޮސް އެހެން ދަތިތައް ދިމާވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
އިންޝުއަރެންސްގެ ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅައި، ކުރިޔަށް ގެންދިޔަ ބަހުސްގައި ރިފާއު ވިދާޅުވީ މިއީ ދުނިޔޭގެ ގައުމުތަކުގައި ވަރަށް ކުރީ ޒަމާނުއްސުރެ އަމަލު ކުރަމުން އައި ނިޒާމެއް ކަމަށެވެ. 1600 ގެ އަހަރުތަކުގައި ލަންޑަނުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގެ ތެރެއިން، މި ނިޒާމު ތައާރަފުވެގެން އައިސް އެކި އިންގިލާބީ ބަދަލުތަކެއް ފެނިގެން ދިޔަކަން ރިފާއު ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއަށް އިންޝުއަރެންސްގެ ނިޒާމެއްގެ ބޭނުން ޖެހި އެކަމުގެ ބޭނުން ހިފުނީ ރިފާއު ފާހަގަކުރެއްވި ގޮތުން ސުނާމީ ކާރިސާގަ އެވެ.
2004 ވަނަ އަހަރު ރާއްޖެ ވެސް ކުރިމަތިލާން ޖެހުނު އެ ހިތާމަވެރި ހާދިސާއަށް ފަހު ބޮޑެތި ކާރިސާތަކަށް ދިވެހިން ހޭލުންތެރިވެގެން އައިކަމަށް ރިފާއު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ވާދަވެރި އިންޝުއަރެންސްގެ މާކެޓެއް މިއަދު އޮތް ނަމަސް އެންމެ ފުރަތަމަ ހަރަކާތްތެރިވަމުން އައީ އެލައިޑް ކުންފުނި އެކަނިކަން ރިފާއު ފާހަގަކުރި އެވެ.
ރިފާއު ވިދާޅުވީ އިންޝުއަރެންސްގެ ތެރޭގައި ތިބި ނަމަވެސް އެފަދަ ގާނޫނެއް ނެތުމުގެ ސަބަބުން އެ މީހުންގެ ހައްގު އޮތީ ހިމާޔަތް ނުކުރެވިކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ބޮޑުތިލަދުންމަތީގައި އެންމެ ވަރުގަދައަށް ހިންގަމުން ދިޔަ އަލިދޫ ރިސޯޓަށް ދިމާވި ހާދިސާއަށް އިޝާރާތްކޮށް ރިފާއު ވިދާޅުވީ އެ ކުންފުނީގެ އިންޝުއަރެންސް މިއަދާ ހަމައަށް އޮތީ ނުލިބި ކަމަށެވެ. ގާނޫނެއް ބޭނުންވަނީ މިފަދަ ކަންކަން ހައްލު ކުރުމަށްކަމަށް ރިފާއު ވިދާޅުވި އެވެ.
ގާނޫނުގެ ތެރެއިން ޑިސްޕިއުޓް ރިސޮލިއުޝަނެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރިފާއު ވިދާޅުވި އެވެ. މިހާރު އޮތް ގޮތުން އާންމު ކޯޓުތަކުގެ ތެރެއިން މައްސަލަ ގޮސް، އެ ނިޒާމުގެ ތެރެއިން އެ މަރުހަލާ ނިމެން އެތައް ވަގުތެއް ނަގާކަމަށް ރިފާއު ވިދާޅުވި އެވެ. ކޯޓުގެ ތެރެއިން ގާނޫނީ ފަރުވާ ލިބެން ނެތުމުގެ ސަބަބުން ހާދިސާގެ ގެއްލުމުން އަރައި ނުގަނެވި، އެތަމެއް އިތުރަށް ހަލާކުވެ ނެތިދާކަމުގެ އެތައް މިސާލެއް ފެންނާން އެބަހުރިކަމަށް ރިފާއު ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ އިންޝުއަރެންސް ނިޒާމުގެ ހަގީގީ މަހްފޫމް ވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅިފައިވާކަމަށެވެ. އެގޮތުން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަނީ އެއީ ކުރާ ހަރަދެއްގެ ގޮތުގައި ނަމަވެސް އެއީ އިންވެސްޓްމަންޓެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަނީ ދައުލަތުން ފޯރުކޮށް ދޭ ބޭސް ފަރުވާގެ ނިޒާމަކީ ވެސް، އެފަދަ އުސޫލެއްކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވުޔަފާރި ހިންގުމަށްޓަކައި އަމަލު ކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި، އިންޝުއަރެންސް އިންޓަމީޑިއަރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސެންސް ދިނުމާއި ގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިޔުލޭޓްކޮށް ސުޕަވައިޒް ކުރުމާ ގުޅޭ އުސޫލުތަކާއި، އެ ނޫން ވެސް އިންޝުއަރެންސް ވިޔަފާރިއާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު އެވެ.
ބިލުގައިވާގޮތުން، އިންޝުއަރެންސް ހޯދުމަށް ގަސްދުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ތެދުނޫން އަސްލެއް ނެތް މައުލޫމާތެއް ދީގެން ހައްގު ނޫން މަންފާއެއް ހޯދުމާއި އެފަދަ މަންފާއެއް ހޯދަން އުޅުމާއި އެފަދަ މަންފާއެއް ހޯދައިދިނުމަށް އެހީތެރިވުމަކީ މަނާކަމެކެވެ. އަދި އެފަދައިން ހައްގުނޫން މަންފާ ހޯދަން އުޅެފިނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވެއެވެ.
ނިޒާމު މިހާރު އޮތް ގޮތުން ކޯޓުން އިންޝުއަރެންސް ގެއްލުމުގެ ބަދަލު ހޯދުމަކީ ދިގު މަރުހަލާއެއް: ރިފާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ