މެންޗެސްޓާ (ޖެނުއަރީ 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 12 މިނިޓް ތެރޭ އަމަދު ޑިއާލޯ ހެދި ހެޓްރިކުން މެންޗެސްޓާ ޔުނައިޓެޑުން 3-1 އިން ސައުތެމްޓަން ބަލިކޮށްފި އެވެ.
ލީގުގެ އެންމެ ފުލުގައި އޮތް ސައުތެމްޓަނުން ރޭގެ މެޗުގެ 82 ވަނަ މިނިޓާ ހަމައަށް ލީޑުކުރި އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޔުނައިޓެޑްގެ މެނުއަލް އުގާޓޭ އަތުން ބައިކޮޅަށް ވަން ގޯލުން ސައުތެމްޓަން އިން ލީޑުނެގި މި މެޗުގައި، އެ ޓީމުން ވަނީ ގިނަ އެޓޭކްތަކެއްކޮށް ލަނޑު ޖެހޭތޯ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ. އެ ގޮތުން، ސައުތެމްޓަންގެ ކަމާލުއްދީން ސުލެމާނާ ހުއްޓުވުން ޔުނައިޓެޑަށް ވީ އުނދަގޫ ކަމަކަށެވެ.
ސުލެމާނާ އާއި ޓައިލާ ޑިބްލިން އަދި މަޓެއުސް ފެނާންޑޭޒް ޔުނައިޓެޑް ގޯލަށް ފޮނުވާލި ބޯޅަތައް އެ ޓީމުގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ.
ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު މެޗުގެ 82 ވަަނަ މިނިޓްގައި އަމަދު ޖެހިއިރު، އެ ޓީމަށް ލީޑުނަގައިދިން ގޯލު ޖެހީ 90 ވަނަ މިނިޓްގަ އެވެ. މިއީ، ބަދަލަކަށް ކުޅެން އަރައި ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން އަމަދު ޖެހި ގޯލެކެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި އަމަދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ، ސައުތެމްޓަންގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން އަމަދު ޖެހި ގޯލެކެވެ.
ޔުނައިޓެޑް މި މެޗުން ބަލިވިނަމަ، 1930 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވާނެ އެވެ. މި މެޗުން ހޯދި މޮޅާ އެކު، ޔުނައިޓެޑުން 12 ވަނައިގައި އޮތީ 21 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.
12 މިނިޓް ތެރޭ އަމަދު ހެދި ހެޓްރިކުން ޔުނައިޓެޑަށް މޮޅެއް 12 މިނިޓް ތެރޭ އަމަދު ހެދި ހެޓްރިކުން ޔުނައިޓެޑަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ