ހިޔާނާތުގައި ޔާމީން ބައިވެރިވި، ދެވަނަ ދައުރެއް ދޭކަށް ނުޖެހޭ

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވުމާއެކު ހިނގި ހިޔާނާތެއް ކަމަށް ތިމަރަފުށި ދާއިރާގެ އެމްއެންޕީގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިހެން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ހޯއްދަވާނެ ކަމަށް ޔާމީން ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގާފަވަނީ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ބައިވެރިވުމާއިއެކު މުޅި ދައުލަތް ބޭނުންކޮށްގެން ކަމަށެވެ. އަދި މިސަބަބަށްޓަކައި އެކަނިވެސް ދެވަނަ ދައުރެއް ޔާމީން ދޭން ނުޖެހޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ދެން ގާއިމުވެއްޖެނަމަ މަގުސަދަކަށް ވާނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ފަރާތްތަކަށް އަދަބު ދިނުން ނޫން ކަމަށާއި އެންމެ ބޮޑު މަގުސަދަކަށް ވާނީ ފައިސާ އަނބުރާ ހޯދުން ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ނުލިބި، އެކަމުގައި ޝާމިލުވި މީހުން ދިގު މުއްދަތަކަށް ޖަލަށްލުމުން އަދި ނުފުދޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މި ސަރުކާރަށް އެ ފައިސާ ހޯދަން ކުރެވުނީ ކޮން ކަމެއްތޯ ސުވާލުކުރައްވަމުން ޔާމީން ވަނީ މި ހިޔާނާތުގެ މައި މުގުލުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް އަދިވެސް މި ފައިސާ އަނބުރާ ހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަދީބު ޖަލުގައި ހުންނެވި ދުވަސްވަރު އޭސީސީގެ ރައީސް ލުތުފީ އެމަނިކުފާނާއި ބައްދަލުކުރެއްވި ކަމަށާއި އެގޮތުން ހިޔާނާތުގެ ފައިސާގެ ބޮޑުބައި ހުރީ ސިންގަޕޫރުގެ ބޭންކެއްގައި ހުރި ސޭފެއްގައި ކަމަށް އަދީބާއި ހަވާލާދީ ލުތުފީ ދެންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ