ރާއްޖޭގެ ހަކަތައިގެ ދާއިރާގެ މަގުޗާޓު މުރާޖާ ކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަނީ
ދިވެހިރާއްޖޭގެ ހަކަތައިގެ މަގުޗާޓު މުރާޖާ ކުރުމާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ މަޝްވަރާތަކުން ފާހަގަ ކުރެވިފައިވާ ކަންކަން ހުށަހަޅައިދީ އެކަންކަމާ ގުޅިގެން އިތުރަށް ޚިޔާލު ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ވޯކްޝޮޕެއް ފަށައިފިއެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ)ގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ އެ ވޯކްޝޮޕުގައި ރާއްޖޭގެ ހަކަތައިގެ ދާއިރާގެ މަގުޗާޓު މުރާޖާ ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު މިނިސްޓްރީން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މިނިސްޓްރީން ބުނީ 2030 ވަނަ އަހަރާ ހަމައަށް ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރުމަށް ކަނޑައަޅާ ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ އެ މަގުޗާޓަކީ ސަރުކާރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ބިނާކޮށް، އޭގައިވާ ލަނޑުދަނޑިތައް ހާސިލުވާނެގޮތަށް، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މަގުޗާޓެއް ކަމަށެވެ. "މި މުރާޖާކުރާ ރޯޑްމެޕު ވެގެންދާނީ ހަކަތައިގެ ދާއިރާ އިތުރަށް ތަރައްގީކޮށް، މުސްތަގުބަލަށް ސާފު، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއަކަށް މަގުދައްކާނެ އެއްޗަކަށް،" މިނިސްޓްރީން ބުންޏެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަގުޗާޓުގައި ރާއްޖޭގައި ހަކަތަ އުފެއްދުމަށް ބޭނުންކުރެވިދާނެ ތަފާތު އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ މައުލޫމާތާއި، ހަކަތަ އިސްރާފުކުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ ތަފްސީލު ހިމެނޭނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ފައިސާ ބޭނުންވާނެ މިންވަރާއި އޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަންނާނެ ހެޔޮ ބަދަލުގެ ތަފްސީލު ވެސް މަގުޗާޓުގައި ހިމެނޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން ގައުމަކަށް ހެދުމަށް ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް އެދާއިރާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އޭޑީބީ އަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ބަޔެއް ކަމަށެވެ. އެގޮތުން އޭޑީބީގެ އެހީގައި ކުރިއަށްގެންދާ ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓަކީ އެއް މިސާލު ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ