ކޮންމެ މީހަކުވެސް ބުނަނީ ތިމާ ބޭނުންވަނީ ހެޔޮލަފާ އަންތބަކު ކަމަށެވެ. އެކަމަކު ގޮނޑުން އަނބިން ހޮވާ މީހުން މަދެއް ނޫނެވެ. އެއްވެސް ޙާލެއްގައި ގޮނޑުކަމަށް މިމާނަކުރަނީ ކުނިގޮނޑަކަށް ނޫނެވެ. ކޮފީމޭޒުތަކާއި އެނޫންވެސް ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ މަޖާކޮށް އުޅޭތަންތަނަށެވެ.
ފުރަތަމަ ކަމަކީ ހެޔޮލަފާ، މުސްލިމް އަންހެނަކު އެފަދަ ތަންތަނަކަށް ނުދާނެއެވެ. އެމީހުން ތިބޭނީ އެމީހުންގެ ޖަގަހައިގައެވެ. އެއީ އެކަނބަލުންގެ ގެދޮރެވެ. އެކަނބަލުންނަށް ތިބެން ﷲ ތަޢާލާ އަންގަވާފައިވާ ތަނުގައެވެ.
ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ތަނަކުން އެމީހަކު ބޭނުންވާ އަންހެނަކު އިޚްތިޔާރުކުރުމުގެ ޙައްޤު އެބަ އޮތެވެ. ވީމާ އެއީ މައްސަލައެއް ކަމަކަށްވެސް ނުދެކެމެވެ. މައްސަލައަކަށް މިވަނީ ﷲ ތަޢާލާ އަންގަވާފައިވާ އިންތައް ދޫކޮށްލައި ބޭނުންވާހައި ގޮތަކަށް އުޅޭ އަންހެނުން އިޚްތިޔާރުކޮށްފައި އޭނާއަކީ ތަޤްވާވެރި ހެޔޮލަފާ އަންހެނަކަށް ނުވުމުން ހުރިހާ އަންހެނުން ކުށްވެރިކުރާ ކަމެވެ.
މިޘާލަކަށް ބުނާނަމަ ހެޔޮއަގުގައި ގަންނަން ލިބޭތީ ޑުޕްލިކޭޓް ތަކެތި ގަތުމަށްފަހު ބޭނުންކުރަން ފެށުމުން އަވަހަށް ހަލާކުވީމާ އޮރިޖިނަލް ގޯސްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ މިޘާލަކަށް ފެންވަރެއް ނެތް އަގުހެޔޮ އޭސީއަށް ގަނެ ހަރުކުރާތާ ކުދަދުވަސްކޮޅެއްގެ ތެރޭގައި މައްސަލަ ޖެހި ފިނިނުވާން ފެށީމާ އޭސީ ކުށްވެރިކުރެވޭނެ ހެއްޔެވެ؟
އޮރިޖިނަލް ގަތަސް މައްސަލައެއް ޖެހިދާނެއެވެ. ނަމަވެސް އެއީ ވަރަށް މަދުން ވެރިވާނެ ކަމެކެވެ. ހަމަ އެގޮތަށް ގޭގައި އިންނަ ހެޔޮލަފާ އަންހެނަކާއި ކައިވެނިކުރިޔަސް މައްސަލައެއް ޖެހިދާނެއެވެ. ނަމަވެސް އެކަން ނުވަތަ އެޙާލަތު ކުރިމަތިވާނީ ވަރަށް މަދުންނެވެ. 100 އިންސައްތަ މައްސަލަތަކުން ސަލާމަތްވާނީ ހަމައެކަނި ސުވަރުގޭގައެވެ.
އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. ކޮންމެ މީހަކީވެސް އިޞްލާޙްވުމަށް މަސައްކަތްކުރުމުން އެކަން ޙާޞިލްކުރެވޭނެ މީހެކެވެ. ވީމާ ކުރިން ގޯސްކޮށް އުޅެވިފައި ތިބޭ އަންހެނުންނަށްވެސް ހެޔޮ ގޮތް ވިސްނުމުން އިޞްލާޙްވެވޭނެއެވެ. އިޞްލާޙްވެސް ވެއެވެ. ވީމާ ކުރިން ބުނި ފަދަ ތަންތަނަށް ގޮސް ގޯސްކޮށް އުޅެވޭ އަންހެނުންވެސް އިޞްލާޙްވެފައި އެބަތިއްބެވެ. ވީމާ އެންމެންނާއިމެދު އެއްގޮތަކަށް ވިސްނުމެއްވެސް ނެތެވެ.
ހަމައެކަނި ބުނެލަން ބޭނުންވަނީ ކުރިން މިބަޔާންކުރި ފަދަ ގޮތްގޮތަށް އަނބިން އިކްތިޔާރުކޮށްފައި އެމީހުން އިބްލާޙްނުވުމުން، ކައިވެންޏަށްފަހުގައިވެސް އެފަދަ ގޮތްގޮތަށް އުޅޭތީ ހުރިހާ އަންހެނުންގެ ބޮލުގައި އެކަން ނުއަޅުވާށެވެ. ހެޔޮލަފާ އަންތބަކަށް އެދޭނަމަ ހަދީޘްފުޅުގައިވާ މަގުން އަންތބަކު އިޚްތިޔާރުކުރާށެވެ!
އެއިރުން ވާނެ ގޮތްވެސް ބުނެލާނަމެވެ. އޮރިޖިނަލަ ގަތީމާ މައްސަލައެއް ޖެހިއްޖެނަމަ ކުންފުނިން އެކަން ރަނގަޅުކޮށްދެއެވެ. ލިބުނު ގެއްލުމަށް ބަދަލުވެސް ދެއެވެ. ޙަދީޘްފުޅުގައިވާ މަގުން ބައިވެރިޔާ އިޚްތިޔާރުކޮށް ޤުރްއާނާއި ޙަދީޘްފުޅުތަކުގައިވާ މަގުން ކަންކަން ކުރަނިކޮށް ބައިވެރިޔާ ގޯސްވެއްޖެނަމަ، ދެމީހުން ވަކިވާން ޖެހިއްޖެނަމަ މާހެޔޮލަފާ ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގޮނޑުން އަނބިން ހޮވާފަ ހެޔޮލަފާ އަންތބަކަށްވާން އެދުނަކަސް އެކަމެއް ނުވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ