ޔޫރަޕަށް ދިން ޓެރިފްގެ އިންޒާރު ޓްރަމްޕް އަނބުރާ ގެންދަވައިފި ޔޫރަޕަށް ދިން ޓެރިފްގެ އިންޒާރު ޓްރަމްޕް އަނބުރާ ގެންދަވައިފި

ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ކުރައްވާ މަސައްކަތަށް ދެކޮޅު ހަދާ ޔޫރަޕްގެ ގައުމުތަކަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ޓެރިފްގެ އިންޒާރު އަނބުރާ ގެންދަވައިފިއެވެ.
މި ނިންމެވުން ޓްރަމްޕް އިޢުލާން ކުރެއްވީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ.
ބުދަ ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔޫރަޕްގެ ގައުމުތަކުން އެތެރެކުރާ މުދަލުން ބޮޑު ޓެކްހެއް ނުވަތަ ޓެރިފް ނުނަގަން ނިންމެވީ، ގްރީންލޭންޑާއި މުޅި އާކްޓިކް ސަރަހައްދާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެކުލަވާލާނެ "އެއްބަސްވުމެއްގެ އޮނިގަނޑާ" މެދު އޭނާއާއި ރޫޓޭ އެއްބަސްވުމަކަށް އާދެވުމުން ކަމަށެވެ.
"މި ހައްލަކީ، ފުރިހަމަވެގެންދާއިރު އެމެރިކާއަށާއި ނޭޓޯގެ ހުރިހާ ގައުމުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" އެއްބަސްވުމުގެ އިތުރު ތަފްސީލެއް ނުދެއްވައި ޓްރަމްޕް ވިދާޅުވިއެވެ.
ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ، އަމިއްލަ ދާހިލީ އިސްތިގްލާލެއް އޮންނަ ގްރީންލޭންޑް އެމެރިކާގެ މިލްކަކަށް ހެދުމަށް ޓްރަމްޕް ގެންދަވަނީ ބާރުއަޅުއްވަމުންނެވެ. މިކަމާ ގުޅިގެން ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް އިންޒާރު ދެއްވީ، ގްރީންލޭންޑްގެ މައްސަލައިގައި ދެކޮޅުވެރިކަން ދައްކާތީ ފެބްރުއަރީ 1 އިން ފެށިގެން ޑެންމާކް، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ނޯވޭ، ސްވިޑަން، ނެދަލޭންޑްސް އަދި އިނގިރޭސިވިލާތުން އެތެރެކުރާ މުދަލުން 10 ޕަސެންޓު ޓެރިފެއް ނަގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ