ރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
މި އޮފީހަކީ، ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މި އޮފީސް ގާއިމުކުރަން ނިންމެވިކަން ރައީސް އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީބަޔާން އިއްވަވަމުން މި އަހަރުގެ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހު އެވެ.
ރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާއި، ރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެ އެވެ.
ރައީސް އޮފީހުން ބުނީ މި އިދާރާގެ މަސައްކަތްތައް އަމަލީ ގޮތުން ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ