ސެމްސަންގް ޒެޑް ފްލިޕް 8: އައު ޗިޕާއެކު ގިނައިރު ޗާޖު ހިފަހައްޓާނެ

ސެމްސަންގުން މި އަހަރުގެ މެދުތެރޭގައި ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ "ގެލެކްސީ ޒެޑް ފްލިޕް 8" ގައި ބޭނުންކުރާ އައު ޗިޕްސެޓްގެ ސަބަބުން، ބެޓެރީގެ ކެޕޭސިޓީއަށް ބަދަލެއް ނައި ނަމަވެސް ބެޓެރީ ހިފަހައްޓާ ވަގުތު ނުވަތަ ބެޓެރީ ލައިފް އިތުރުވާނެ ކަމަށް ބެލެވެން ފަށައިފިއެވެ. ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފޯނުގައި ބޭނުންކުރާނީ ދެ ނެނޯމީޓަރުގެ ޓެކްނޮލޮޖީއަށް އުފައްދާފައިވާ "އެކްސިނޯސް 2600" ޗިޕްސެޓެވެ. މިއީ ކުރީގެ ފޯނުތަކަށްވުރެ ކަރަންޓު ބޭނުންކުރާ މިންވަރު މަދު، އެހެނަސް މާ ވަރުގަދަ ޕާފޯމަންސެއް ދޭނެ ޗިޕެކެވެ. "ގެލެކްސީ ކްލަބުން" އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ޒެޑް ފްލިޕް 8 ގައި ބޭނުންކުރާނީ މިހާރު ބާޒާރުގައި އޮތް "ޒެޑް ފްލިޕް 7" އާ އެއްވަރުގެ ބެޓެރީއެކެވެ. މި ފޯނުގައި ހިމެނެނީ 1,150 މިލީއެމްޕަޔާގެ އަދި 3,024 މިލީއެމްޕަޔާގެ ދެ ބެޓެރީ ސެލް އެވެ. މި ދެބައި އެކުވުމުން ޖުމްލަ 4,174 މިލީއެމްޕަޔާގެ ރޭޓެޑް ކެޕޭސިޓީއެއް ލިބޭއިރު، ފޯނު އިޝްތިހާރު ކުރާއިރު ބޭނުންކުރާނީ 4,300 މިލީއެމްޕަޔާ އެވެ. ބެޓެރީގެ ސައިޒަށް ބަދަލެއް ނައި ނަމަވެސް، ސޮފްޓްވެއާ އަދި ހާޑްވެއާގެ އެހީގައި ފޯނުގެ ބެޓެރީ ލައިފް ރަނގަޅު ކުރެވޭނެއެވެ. މީގެކުރިން "ގެލެކްސީ އެސް 26 އަލްޓްރާ" ގައިވެސް ބެޓެރީ ސައިޒު ބަދަލުނުކޮށް، ހަމައެކަނި އެފިޝަންސީގެ އެހީގައި ބެޓެރީ ލައިފް ވަނީ އިތުރުކޮށްފައެވެ. އަދި މިފަހަރުގެ ފޯނުގައި ކެމެރާއަށް ބޮޑު ބަދަލެއް ގެނައުމުގެ ބަދަލުގައި ސެމްސަންގުން އިސްކަންދޭނީ ޖުމްލަކޮށް ފޯނުގެ ހިންގުން އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ބެލެވެއެވެ. ސެމްސަންގުން އަންދާޒާ ކުރާ ގޮތުގައި މިފަހަރު "ގެލެކްސީ ޒެޑް ފޯލްޑް 8"އަށް އޮންނަ ޑިމާންޑް ބޮޑުވާނެއެވެ. އެހެންކަމުން އެ ކުންފުނިން ރާވާފައިވަނީ 3.5 މިލިއަން "ފޯލްޑް 8" އަދި 3 މިލިއަން "ޒެޑް ފްލިޕް 8" އުފެއްދުމަށެވެ. އަގަށް ބަލާއިރު، ގެލެކްސީ ޒެޑް ފްލިޕް 8ގެ 256 ޖީބީ މޮޑެލް ބާޒާރަށް ނެރޭނީ ގާތްގަނޑަކަށް 1,199 ޔޫރޯ އަށެވެ. މިއީ މިހާރުގެ މޮޑެލްވެސް ބާޒާރަށް ނެރުނު އަގާ ދާދި އެއްވަރުގެ އަދަދެކެވެ. ސެމްސަންގުން މި ފޯނު ރަސްމީކޮށް ދައްކާލާނީ އަންނަ ޖުލައި މަހު ބާއްވާ އިވެންޓެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ