ކަނޑުތައް ގަދަވާނެތީ ލ.އަތޮޅުން އައްޑުއަށް ވައިޓް އެލާޓް

ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށް މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 1:00 އާ ހަމައަށެވެ.
މެޓުން ބުނީ މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ.
އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ބުނެފައިވެއެވެ.
މިއަދުގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު މެޓް އޮފީހުން ބުނީ މިއަދު އިތުރު އޮއްސި 6:00 އާ ހަމައަށް ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ.
އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި ގުގުރާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.
އެ އިދާރާއިން އިތުރަށް ބުނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ގަޑިއކަު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
މީގެއިތުރުން ކަނޑުތައް ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައިވެސް ގަދަވާނެކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
އެ އިދާރާއިން ލަފާކޮށްފައިވާގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ހުންނާއި ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ. ދެކުނުގެ ކަނޑުތައް ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ