ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި

މެދުއިރުމަތީގެ ހަނގުރާމައާ ހެދި މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހަނގުރާމައިގެ ސަބަބުން ދަތުރުތަކަށް ބުރޫއަރާ، ގަތަރު އެއާވޭސް އިން ވަނީ ބައެއް މަންޒިލްތަކަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
ތަފްސީލް - އެ އެއާލައިނުން ނިންމާފައިވަނީ މާލެ އާއި ދޯހާއާ ދެމެދު ހަފްތާއަކު ފަސް ފްލައިޓް ބޭއްވުމަށެވެ.
ދޯހާއަކީ ރާއްޖެ އަންނަ ގިނަ ފަތުރުވެރިންގެ ޓްރާންސިޓް މަންޒިލެވެ. ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުމަކީ ޔޫރަޕާއި އެމެރިކާ ސަރަހައްދުގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމެކެވެ.
ގަތަރު އެއާވޭސްގެ ޖެނެރަލް ސާވިސް އެޖެންޓު (ޖީއެސްއޭ)، އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށާފައިވާ ކަމަށެވެ.
މިއަދު ރާއްޖެ އައި ފްލައިޓުގައި 11 ޓަނުގެ ކާގޯ ގެނައި ކަމަށާއި ރާއްޖެއިން ފުރި އިރު 4000 ކިލޯގެ އެކްސްޕޯޓު ކާގޯ އެ ފްލައިޓުގައި އުފުލި ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.
ޕެސެންޖާ ޓްރެފިކްގެ އިތުރުން މިއީ ރާއްޖެ އަށް މުހިއްމު ޕެރިޝަބަލް މުދާ އުފުލުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ރޫޓެއްކަން ފިރާގު ފާހަގަ ކުރެއްވި އެވެ.
އެނގުން މުހިއްމު - ރާއްޖެ އަންނަ ފަތުރުވެރިންގެ %30އަށް ވުރެ ގިނަ މީހުން އަންނަނީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްކޮށްފަ އެވެ. ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް އަސަރުކޮށްފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ. މީގެ އިތުރުން ރާއްޖެ އަށް ގެންނަ ކާބޯތަކެތީގެ ބޮޑު ބައެއް ވެސް ގެންނަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ.
ވައިގެ ދަތުރުފަތުރަށް ބުރޫ އެރުމުގެ ސަބަބުން މި ސަރަހައްދުން ގެންނަ މުދާ މާކެޓުގައި ލިބުން ވަނީ ދަތިވެފަ އެވެ. އޭގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެހެން މާކެޓުތަކުން މުދާ ގެނައުމުގެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ