މި ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްތަކެއް ކަމުން، ދަރިވަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އެކްޓިވިޓީ ޔުނިފޯމުގައި ސުކޫލަށް ދިޔުމަށް އަންގައިފިއެވެ.
ސުކޫލުތަކުގެ ގަވާއިދު އޮންނަ ގޮތުން ދަރިވަރުން ވަކި ދުވަސްތަކެއްގައި ލާންޖެހެނީ ރަސްމީ ޔުނީފޯމެވެ. ރަސްމީ ޔުނީފޯމާއެކު ސްކާޓް އަދި ހަރުވާޅާއެކު ޓައީވެސް އަޅާން ޖެހޭއިރު، މި ގަދަ ހޫނުގައި، ދަރިވަރުންގެ ތަކުލީފު ކުޑަ ކުރުމުގެ ގޮތުން ހުރިހާ ދުވަހަކުވެސް އެކްޓިވިޓީ ޔުނީފޯމުލާން ވަނީ އަންގާފައެވެ.
އަދި ސުކޫލުތަކުގެ މެނޭޖުމަންޓުން ވަކި ގޮތެއް އަންގަންދެން ދަރިވަރުން އެގޮތުގެ މަތީން ޢަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.
ސުކޫލުތަކުން މިފަދަ އެންގުމަށް އަންގާފައުވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިހްސާސް ކުރެވޭ ހޫނުމިން އިއްޔެ އެންމެ މަތިވެފައިވަނީ ހދ. ހަނިމާދޫއަށެވެ. އެގޮތުން އެރަށުގެ، އިހުސާސްކުރެވޭ ހޫނުމިން އިއްޔެ 37.2 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. އަދި މާލޭ ސަރަހައްދުގެ ހޫނުމިން 35.1 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.
ގަދަ ހޫނުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އަޅާނެ ބައެއް ފިޔަވަޅުތައް ފާހަގަކޮށްފައެވެ. އެއީ
- ހޫނު އެންމެ ގަދަވާ ގަޑިތަކުގައި ބޭރަށް ނުނިކުތުން،
- ބޭރަށް ނިކުންނަ ނަމަ އެކަށީގެންވާ ހެދުމެއް ލުން،
- ގިނަގިނައިން ދިޔާ އެއްޗެހި ބުއިން .
- ބޮލުގައި ރިއްސައި، ވަރުދެރަވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުން
ކޮންމެ ދުވަހެއްގެވެސް އެންމެ ހޫނު ގަދަ ގަޑިތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހެނދުނު 10 އަކުން ފެށިގެން ހަވީރު 4 ޖެހުމާ ހަމަޔަށެވެ.
ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެކެވެ. ނަމަވެސް މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ވަކިން ހޫނު ގަދަކަމަށް އާއްމުން ފާހަގަކުރެއެވެ. ހޫނު ގަދަވުމާއި، ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން ގިނަ ރަށްރަށުގެ ބިންގަނޑުވެސް ވަރަށް ހިރަފުސްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން އެކްޓިވިޓީ ޔުނީފޯމުގައި ސުކޫލަށް ދިޔުމަށް ދަރިވަރުންނަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ