ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ބާއްވަމުން އަންނަ ސްޕޯޓްސް ފެސްޓިވަލް މި އަހަރު ގދ. ތިނަދޫގައި ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް'އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުން ކުޅިވަރުގެ ޒަރިއްޔާއިން ބާރުވެރިކުރުވައި މުޖުތަމައުގެ އެކި ހަރަކާތްތަކުގައި އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލަކީ ކުޅިވަރުގެ ހަރަކާތްތައް މެދުވެރިކޮށް، ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މީހުން ބާރުވެރިކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. އެގޮތުން، ރާއްޖޭގައި މި ހަރަކާތްތައް ގައުމީ ފެންވަރުގައި ހިންގާ އިދާރާއަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އެވެ.
ތަފްސީލް - މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ގދ. ތިނަދޫގައި ހަ މަސްދުވަހުގެ މުއްދަތަކަށެވެ.
މި ހަރަކާތުގައި:
60 އެތްލީޓުންނަށް 'ސްޕެޝަލް އޮލިމްޕިކްސް ފިޓް5' ކަރިކިއުލަމްގެ ދަށުން ކޮންމެ ހަފްތާއަކު ތަމްރީނުތައް ކުރިއަށް ގެންދާނެ
މި ޕްރޮގްރާމްގެ މަގުސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ސިއްހަތައް ރަނގަޅު ކާނާގެ މުހިންމުކަމާއި ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން އާއިލީ ދުޅަހެޔޮކަމަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުން
މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެ ރަށުގެ ކޯޗުންނާއި ވޮލަންޓިއަރުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާނެ
ބުނީ ކީކޭ؟ - ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހިމް ރަމީޒު ވިދާޅުވި ގޮތުގައި، ކުޅިވަރުގެ ތެރޭގައި އެންމެން ޝާމިލުކުރުވުމަށާއި ހަމަހަމަކަން ގާއިމުކުރުމަށް 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް'އަކީ މުހިންމު ދައުރެއް އަދާކުރާ ހަރަކާތެކެވެ. އެގޮތުން، މި ފެސްޓިވަލްތަކުން ބިންގާއެޅުނު ގިނަ އެތުލީޓުންތަކެއް ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖެ ތަމްސީލުކޮށް، ރަން ވަނަތައް ހާސިލް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދިރާގުގެ އެހީތެރިކަމާ އެކު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ގދ. ތިނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި މިވާ ޕްރޮގްރާމްގެ ސަބަބުން، ޝާމިލުކުރަނިވި މުޖުތަމައުއެއް ބިނާކޮށް، މި ކަމަށް މުޖްތަމައު އިތުރަށް އަހުލުވެރިވެގެންދާނެ. މި މަސައްކަތަށް އިތުރު ހިތްވަރެއް ލިބި، ގިނަ ބަޔަކަށް ފައިދާތަކެއް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، މިއީ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފުރުސަތުތައް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާ ގުޅިގެން، މުޖުތަމައުގައި އެންމެންގެ ބައިވެރިވުން ހިމެނޭހެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ:
ކުޅިވަރުގެ ޒަރީއާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް
މި ޕްރޮގްރާމް މިދިޔަ 8 އަހަރު މާލޭގައި ބާއްވާފައިވޭ
ދިރާގުގެ އެހީގައި ތިނަދޫގައި ކުޅިވަރު ތަމްރީނު ދޭ ފެސްޓިވަލެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ