ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭއިރު މި މެޗުގައި ނަތީޖާ ކަނޑައަޅަން ޖެހޭނެ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އޭނާގެ ކުޅުންތެރިންނަށް އަންގައިފި އެވެ.
ކޯޗު މިހެން ބުނީ މި ދެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗަށް އިޝާރާތް ކޮށެވެ. މީގެ ތެރެއިން އެތްލެޓިކޯގެ ދަނޑުގައި ބާސެލޯނާ 4-0އިން ބަލިވެ ވަނީ މި ސީޒަނުގެ ކޮޕާ ޑެލްރޭ މުބާރާތުން ކަޓާފަ އެވެ. އަމިއްލަ ދަނޑުގައި މި ނަތީޖާ ބަދަލު ކުޅެ ބާސެލޯނާ އަށް ޖެހުނީ ތިން ގޯލެވެ. މިހެންވެ ބާސެލޯނާ ކެޓީ 4-3ގެ އެގްރީގޭޓުންނެވެ. އޭގެ ފަހުން ސްޕެނިޝް ލީގުގައި ކުޅުނު މެޗު ވެސް ކާމިޔާބު ކުރީ ބާސެލޯނާ އެވެ. ނަމަވެސް ފްލިކް ބުނީ މިއީ ތަފާތު މެޗެއް ކަމަށާއި ފުރަތަމަ ސިކުންތުން ފެށިގެން ފަހު ސިކުންތާ ހަމައަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"މި މެޗުގައި އަހަރުމެން ޖެހޭނެ ނަތީޖާ ނެރެން. އެ މީހުންގެ ދަނޑުގައި ނަތީޖާ ނެރެން ވަރަށް އުނދަގޫވާނެ. އެހެންވީމާ އެ ދަނޑަށް ދާން ވާނީ އަހަރުމެންގެ ދަނޑުގައި ކުޅެ ނަތީޖާ އަހަރުމެންގެ ކޮންޓްރޯލްގައި ބާއްވައިގެން،" ފްލިކް ބުންޏެވެ.
އޭނާ އަދި ބުނީ މިފަދަ މެޗުގައި ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލަށް އަންނަ ފާޑުކިއުންތަކާއި އިދިކޮޅު ސަޕޯޓަރުން އޭނާއާ ދިމާކުރުން އިތުރުވާތީވެ ކުޅުންތެރިޔާ ހިމާޔަތް ކުރާނެ ކަމަށެވެ.
"އޭނާ އަކީ 18 އަހަރުގެ ކުއްޖެއް. އޭނާ ވަރަށް މޮޅަށް ކުޅޭ. މި އުމުރުގައި ހުންނާނެ ބަދަލު އަންނަ ކަންތައްތަކެއް ވެސް. އެހެންވީމާ އަހަރުމެން ޖެހޭނެ މިކަންކަމަށް ސަމާލުވާން،" ކޯޗު ބުންޏެވެ.
އަނިޔާގެ ސަބަބުން ބާސެލޯނާގެ ރަފީނިއާ މި މެޗުގައި ނުކުޅޭނެ އެވެ. އޭނާގެ ބަދަލުގައި ކުޅުވާނީ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ލައްވަ އެވެ. ފްލިކް ބުނީ ގިނަ ކުޅުންތެރިން އަނިޔާގައި ތިބުމަކީ ޓީމަށް ކުރިމަތިވެފައިވާ އުނދަގޫ މައްސަލައެއް ކަމަށެވެ.
އެތްލެޓިކޯއާ ދެކޮޅަށް ނަތީޖާ ކަނޑައަޅަން ޖެހޭނީ އަމިއްލަ ދަނޑުގައި: ފްލިކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ