އެޕަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން ޓިމް ކުކް އަންނަ ސެޕްޓެމްބަރު މަހު ވަކިވާނެ ކަމަށާއި، އެ މަގާމާ ހަވާލުވާނީ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޖޯން ޓާނަސް ކަމަށް އެޕަލް އިން ހޯމަ ދުވަހު އިއުލާންކޮށްފިއެވެ.
މި އިއުލާނާއެކު، އުމުރުން 65 އަހަރުގެ ކުކްގެ ބަދަލުގައި އެ މަގާމަށް އަންނާނީ ކާކުތޯ އުފެދިފައިވާ ގިނަ ދުވަސްވީ ސުވާލުތަކަށް ވަނީ ޖަވާބު ލިބިފައެވެ. ކުކް ވިދާޅުވި ގޮތުގައި އެޕަލްގެ ސީއީއޯގެ މަގާމުން ވަކިވުމަށްފަހު އޭނާ ހަވާލުވާނީ ބޯޑުގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމާއެވެ.
"އެޕަލްގެ ސީއީއޯގެ ގޮތުގައި ހުރެ، މިފަދަ އާދަޔާ ހިލާފު ކުންފުންޏެއް ކުރިއަށް ގެންދިއުމުގެ އިތުބާރު ލިބުމަކީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު،" ކުކް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ކުކް އެޕަލްއާ ގުޅުނީ 1998 ވަނަ އަހަރުއެވެ. އޭނާ ވަނީ ކުންފުނީގެ އެކި މަގާމުތައް ފުރައި، ޗީފް އޮޕަރޭޓިން އޮފިސަރުގެ ގޮތުގައި އައިފޯން އުފައްދާ ކުންފުނީގެ އުނދަގޫ ސަޕްލައި ޗެއިން ބަލަހައްޓައި، ކުންފުނީގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އޭނާ ސީއީއޯގެ މަގާމާ ހަވާލުވީ 2011 ވަނަ އަހަރު، ކުންފުނީގެ ބާނީ އަދި ލީޑަރު ސްޓީވް ޖޮބްސް ސިއްހީ ސަބަބުތަކާ ހުރެ މަގާމުން ވަކިވުމާ ގުޅިގެންނެވެ.
އެޕަލްގެ އުފެއްދުންތައް އިތުރުކޮށް، ހިއްސާގެ ބާޒާރުގައި ކުންފުނީގެ އަގު ގާތްގަނޑަކަށް 4 ޓްރިލިއަން ޑޮލަރަށް އުފުލާލުމުގެ ކްރެޑިޓް ލިބެނީ ކުކް އަށެވެ.
އެޕަލްގެ އުފެއްދުންތައް އުފައްދާ މައި މަރުކަޒަކަށް ޗައިނާ ހެދުމުގެ އިސް މޭސްތިރިއަކީ ވެސް ކުކް އެވެ. އޭނާގެ ރޭވުމުގެ ދަށުން ގިނަ އަދަދެއްގެ އައިފޯންތައް އެސެމްބަލް ކުރުމުގެ މަސައްކަތް ކުރަނީ ފޮކްސްކޮން ފަދަ ކުންފުނިތަކުން ޗައިނާގައި ހުންނަ ފެކްޓްރީތަކުގައެވެ.
"ޓިމްގެ ނަމޫނާ އަދި ފާހަގަކޮށްލެވޭ ލީޑަޝިޕްގެ ސަބަބުން އެޕަލް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުންފުންޏަށް ބަދަލުވެފައި،" މަގާމުން ވަކިވާ ބޯޑު ޗެއާމަން އާތަރ ލެވިންސަން ބަޔާނުގައި ވިދާޅުވިއެވެ.
"އޭނާގެ ތެދުވެރިކަމާއި އުސޫލުތައް އެޕަލްގެ ކޮންމެ މަސައްކަތަކުން ފެންނަން ހުރޭ."
ލެވިންސަން މިހާރު ބޯޑުގެ ޗެއާމަންކަން ކުރައްވަނީ ނޮން-އެގްޒެކެޓިވް ދައުރެއްގައެވެ. އޭނާ ދެން ހުންނަވާނީ ބޯޑުގެ ލީޑް އިންޑިޕެންޑެންޓް ޑައިރެކްޓަރުގެ މަގާމުގައެވެ.
ޓާނަސް އެޕަލްގެ ޕްރޮޑަކްޓް ޑިޒައިން ޓީމާ ގުޅުނީ 2001 ވަނަ އަހަރުއެވެ. އަދި ފާއިތުވި ވިހި އަހަރުގެ ތެރޭގައި އޭނާ ވަނީ ހާޑްވެއާ އިންޖިނިއަރިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމަށް ޕްރޮމޯޓްވެފައެެ.
އައިފޯން، އައިޕެޑް، އެޕަލް ވޮޗް އަދި މެކް ކޮމްޕިއުޓަރުތައް ހިމެނޭހެން އެޕަލްގެ ގިނަ އުފެއްދުންތަކެއްގައި ޓާނަސް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އެޕަލް އިން ބުނެއެވެ. "އަހަރެންގެ މުޅި ކެރިއަރު ކަހަލަ ގޮތަކަށް އެޕަލްގައި ހޭދަކޮށްފައިވާއިރު، ސްޓީވް ޖޮބްސްގެ ދަށުން މަސައްކަތް ކުރުމާއި ޓިމް ކުކް ފަދަ މެންޓާއެއް ލިބުމަކީ އަހަރެންގެ ނަސީބު،" ޓާނަސް އެ ބަޔާނުގައި ވިދާޅުވިއެވެ.
އެޕަލް އަށް 50 އަހަރު
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ސިލިކަން ވެލީގެ މި ލެޖެންޑަށް އާ އީޖާދުތަކެއް ދެއްކުމަށް މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި، މިއަހަރަކީ އެޕަލް އަށް 50 އަހަރު ފުރޭ އަހަރެވެ.
މާކެޓިންގެ ހުނަރުވެރިޔާ ޖޮބްސް އާއި އެޕަލް ކޮމްޕިއުޓަރު އީޖާދުކުރި ސްޓީވް ވޮޒްނިއަކް ވަނީ އިންޓަނެޓްގެ ޒަމާނުގައި މީހުން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތަށް އިންގިލާބީ ބަދަލެއް ގެނެސްފައެވެ.
ކޮލެޖުން ވަކިވި މި ދެމީހުން ވަނީ މީހުން ކޮމްޕިއުޓަރު ބޭނުންކުރާ ގޮތާއި، މިއުޒިކް އަޑުއަހާ ގޮތާއި، އަދި ދަތުރުފަތުރުމަތީގައި މުއާމަލާތްކުރާ ގޮތް ބަދަލުކޮށް، ސްމާޓްފޯން އެޕްތަކަށް ބިނާވެފައިވާ ދިރިއުޅުމުގެ ވައްޓަފާޅިއެއް އުފަންކޮށްފައެވެ.
1 އޭޕްރިލް 1976 ގައި ކެލިފޯނިއާގެ ކުޕަޓީނޯގައި ހުންނަ ޖޮބްސްގެ ގަރާޖުން ފެށުނު މި ކުންފުނީގެ މަގުބޫލު އުފެއްދުންތައް ކަމަށްވާ މެކް، އައިފޯން، އެޕަލް ވޮޗް އަދި އައިޕެޑަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާ ތަކެއްޗެވެ.
"އެޕަލް އިން މިހާރު ދަނީ އެމީހުންގެ އޭއައި ސްޓްރެޓެޖީއަށް ބޮޑު ބަދަލެއް ގެންނަމުން. މިފަދަ ވަގުތެއްގައި ގިނަ ދުވަސްވީ ސީއީއޯ ކުކް ވަކިވުމަކީ ހައިރާންކުރުވަނިވި ކަމެއް،" ވެޑްބުޝްގެ އެނަލިސްޓް ޑެން އައިވްސް އިންވެސްޓަރުންނަށް ފޮނުވި ނޯޓެއްގައި ވިދާޅުވިއެވެ. ޚާއްސަކޮށް އޭއައިގެ ދާއިރާއިން ފެށުމުގައެވެސް ކާމިޔާބީ ހޯދުމަށް ޓާނަސްއަށް ބޮޑު ޕްރެޝަރެއް ކުރިމަތިވާނެއެވެ.
އިންވެސްޓަރުން ކަންބޮޑުވާ އެއް ކަމަކީ، ވާދަވެރި ގޫގުލް، މައިކްރޯސޮފްޓް އަދި އޯޕަން އޭއައި އިން ބާރު ދުވެލީގައި ކުރިއަށްދާއިރު، އެޕަލް އިން އޭއައިގެ ދާއިރާއަށް ވަންނަނީ ވަރަށް މަޑުމަޑުން ކަމަށް ފެންނާތީއެވެ.
އެޕަލްގެ ޑިޖިޓަލް އެސިސްޓަންޓް 'ސިރީ' އަށް ގެންނާނެ ކަމަށް ބުނި އަޕްގްރޭޑް ލަސްވެފައިވާއިރު، އެނަލިސްޓުން ސިފަކުރާ ގޮތުގައި މިއީ އެ ކުންފުންޏަށް މަދުން ނޫނީ ދިމާނުވާ ފަދަ ނާކާމިޔާބީއެކެވެ.
ސިރީ އިސްލާހުކުރުމަށް އަމިއްލަ އިންޖިނިއަރުންނަށް ބަރޯސާވުމުގެ ބަދަލުގައި، އެޕަލް އިން މިހާރު ވަނީ އޭއައިގެ ގާބިލްކަން ހޯދުމަށް ގޫގުލްގެ އެހީތެރިކަމަށް އެދިފައެވެ.
ކުކްގެ ލީޑަރޝިޕްގައި އެޕަލް އިން ގަޑި އަދި އެއަރޕޮޑްސް ފަދަ އައު އުފެއްދުންތައް ތައާރަފުކުރި ނަމަވެސް، ޖޮބްސް ގެނެސްދިން ފަދަ "ބޮޑު ބަދަލެއް" ގެނެސްދިން މީހެއްގެ ގޮތުގައި އޭނާ ފާހަގައެއް ނުކުރެވެއެވެ.
ކުކްގެ ދަށުން، އަމިއްލައަށް ދުއްވާ އިލެކްޓްރިކް ކާރެއް އުފެއްދުމުގެ މަޝްރޫއަކަށް އެޕަލް އިން ބިލިއަނުން ޑޮލަރު ހޭދަކުރުމަށްފަހު، 2024 ވަނަ އަހަރު އެ މަޝްރޫއު ވަނީ ހުއްޓާލާފައެވެ.
2012 ވަނަ އަހަރު ތައާރަފުކުރި އެޕަލް މެޕްސްގެ ހިދުމަތުގައި ގިނަ ގޯސްތަކެއް ހުރުމުގެ ސަބަބުން، ކުކް މައާފަށް އެދި ސިޓީއެއް ޝާއިއުކުރަން ޖެހުނެވެ.
އެޕަލްގެ ސީއީއޯގެ މަގާމުން ޓިމް ކުކް ވަކިވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ