ރައީސްގެ ޖުޑީޝަލް ރިފޯމް ވިސްނުމަށް ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒް ތާއީދުކުރައްވައިފި
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަނބުރާ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ކުރީގެ އުއްތަމަފަނޑިޔާރު، އަހްމަދު ފާއިޒް ހުސެއިން މިއަދު ތާއީދުކުރައްވައިފިއެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އަލުން އަނބުރާ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރައްވާކަން، ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ހާމަ ކުރެއްވީ ސޯޝަލް މީޑިއާގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގާނޫނު އިސްލާހުކޮށް ޖޭއެސްސީން މަގާމު ގެއްލުވައިލި ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒް ފޭސްބުކްގައި ވިދާޅުވީ، ޑީޖޭއޭ ޝަރުއީ ދާއިރާގެ ދަށަށް ގެނެވިއްޖެނަމަ، ޝަރުޢީދާއިރާގެ އިދާރީ މިނިވަންކަން އިޢާދަވާނެ ކަމަށެވެ. "ޑީޖޭއޭ އަނބުރާ ޝަރުޢީދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރަމެވެ. ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ގާނޫނު އިސްލާހުކޮށް އެ މުއައްސަސާ ޝަރުޢީ ދާއިރާގެ ދަށަށް ގެނެވިއްޖެ ނަމަ، ޝަރުޢީ ދާއިރާގެ އިދާރީ މިނިވަންކަން އިޢާދަވެގެންދާނެއެވެ،" ޖުޑިޝަރީ ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންޓްރޯލް ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮންނަ އޮތުމަށް އިސްލާހްގެންނެވުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ހޯމަ ދުވަހުއެވެ. ރައީސް ވިދާޅުވީ، ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓްކުރެވޭނެ ގޮތަކަށް ޤާނޫނުތަކަށް އިސްލާޙު ގެނައުމާއި އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާތަނަކަށް ޑީޖޭއޭ ބަދަލުވުމާއި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލް އަދި ސުޕްރީމް ކޯޓުގެ އެންމެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރަށް ކަމަށް ވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅުބަދަލެއް ކަމަށް ދެކެވަޑައިގަންނަވާކަމުގައެވެ. މީގެ ކުރިން، ޤާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުން، ދަށުކޯޓުތަކުގެ އިސްފަނޑިޔާރަށްވުރެ އެޑްމިނިސްޓްރޭޓަރ ގެ ބާރު ގަދަކަމަށާއި، މިފަދަ ކަންކަމަކީ ޖުޑީޝަރީގެ ހިންގުމަށް އަސަރުކުރާކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އިސްލާހީ ބަދަލުތަކެއް ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަށް އަންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ