ދެން ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

އެންމެ ފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލައި، ގާނޫނުއަސާސީ އަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން މިހާރު ނުގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އިސްލާހީ އެޖެންޑާގެ ތެރެއިން ގާނޫނުތައް ބަދަލު ކުރުން ފަދަ މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ. "އަޅުގަނޑު ހިތުން ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މި ވަނީ. އެއީ، ގާނޫނުއަސާސީ އަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން، އެހާ ބޮޑަށް ފޭވާ ކުރާ ކަމެއް ނޫން ކަން،" ރައީސް ވިދާޅުވި އެވެ. "އެހެންވީމަ، ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތް ތަނުގައި ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން ދެނެއް."ނަމަވެސް، ރައީސް ކުރިން އިއުލާންކުރައްވާފައިވާ ގާނޫނީ އިސްލާހުތަކުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އިންތިހާބުގެ ކުރިން ރައީސް ވަނީ ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވައިފަ އެވެ. އެގޮތުން ރާއްޖޭގެ ވޯޓުލާ ނިޒާމް ޕްރިފަރަންޝަލް ވޯޓިން ސިސްޓަމަކަށް ބަދަލު ކުރުމާއި ރިޔާސީ ދައުރު ނިމޭ ދުވަސް ނޮވެމްބަރު 11 އަށް އަލުން ބަދަލު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.އޭގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރެވޭނީ ވެސް ގާނުނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ