'އެކްސް' ގެ ޚިދުމަތް މެދުކެނޑި، ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' (ކުރީގެ ޓްވިޓާ) އަށް މިއަދު ފަންނީ މައްސަލަތަކެއް ކުރިމަތިވެ، އެތައް ހާސް ބަޔަކަށް ޚިދުމަތް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެއްޖެއެވެ. ޓެކްނޮލޮޖީގެ ޚިދުމަތްތައް މެދުކެނޑޭ މިންވަރު ބަލާ ވެބްސައިޓެއް ކަމަށްވާ 'ޑައުންޑިޓެކްޓާ ' އިން ހާމަކުރި ގޮތުގައި، އެމެރިކާގެ އިރުމަތީ ގަޑިން މިއަދު ހެނދުނު 10:35 އާ ހަމައަށް އެކަނިވެސް 41،000 އަށްވުރެ ގިނަ މީހުން ވަނީ އެކްސް ބޭނުންކުރުމުގައި މައްސަލަ ދިމާވެގެން ރިޕޯޓްކޮށްފައެވެ. މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވި ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި އިންޑިއާ ހިމެނެއެވެ. އެގޮތުން އިނގިރޭސިވިލާތުން 8،000 އެއްހާ މީހުން މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އިންޑިއާއިން 2،400 އަށްވުރެ ގިނަ މީހުން ވަނީ ޚިދުމަތް މެދުކެނޑިގެން ރިޕޯޓްކޮށްފައެވެ. ޑައުންޑިޓެކްޓަރ އިން ބުނާގޮތުގައި، ޚިދުމަތް މެދުކެނޑިގެން ރިޕޯޓްކުރާ އަދަދަށްވުރެ، ހަގީގަތުގައި މި މައްސަލަ ދިމާވާ މީހުންގެ އަދަދު މާ އިތުރުވާނެއެވެ. ސަބަބަކީ އެއީ ހަމައެކަނި އަމިއްލައަށް އިސްނަގައިގެން މައްސަލަ ރިޕޯޓްކުރާ މީހުންގެ ތަފާސްހިސާބަށް ވާތީއެވެ. މި ހަފްތާގެ ކުރީކޮޅުވެސް އެކްސްގެ ޚިދުމަތަށް ވަނީ މިފަދަ ބޮޑު މައްސަލައެއް ކުރިމަތިވެފައެވެ. އެފަހަރު އެމެރިކާގެ 28،300 އަށްވުރެ ގިނަ މީހުންނަށް އަދި އިނގިރޭސިވިލާތުގެ 8،000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް މެދުކެނޑުމުގެ މައްސަލަ ކުރިމަތިވިއެވެ. މިކަމާ ގުޅޭގޮތުން މީޑިއާތަކުން ސުވާލުކުރުމުން އެކްސް އިން އަދި އެއްވެސް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއްވެސް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ