ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ތާއީދު ކުރަން ނިންމީ ގައުމު ހަލަބޮލި ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ކަމަށް އެ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު، ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވަނީ ކައުންސިލް އިންތިހާބުގައި އެ ޕާޓީން ޕީއެންސީއަށް ތާއީދު ކުރަން ނިންމި ސަބަބުތަކަށް އަލިއަޅުވައިލައްވައިފައެވެ.
ކުރީގެ ފައިނޭންސް މިނިސްޓަރު ގާސިމް ވިދާޅުވީ، ދަރަނިތައް ދެއްކޭނީ، ދިވެހި ރައްޔިތުންގެ އެއްބާރުލުން ރައީސް ޑރ.މުހައްމަދު މުއިއްޒުއާއިއެކުގައި އޮތްކަން ފުރިހަމައަށް ދައްކުވައިދީގެން ކަމަށެވެ.
”އެއީ ކައުންސިލެއް ކަމަށް ވިޔަސް، އެއީ ސިޓީ ކައުންސިލެއް ކަމަށް ވިޔަސް، އަދި އަންހެނުންގެ ކޮމިޓީ ވިޔަސް، ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވާށޭ ޕީއެންސީގެ މެމްބަރުންނަށް. ގައުމުގެ މަސްލަހަތާ އަމާންކަން ކުރިއަށް ގެންދިޔުމަށްޓަކާ. ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި ސަރުކާރާ އިދިކޮޅު މެމްބަރުންނަށް ވޯޓު ދީގެން ކުރެވޭނެ ކަމެއް ނެތް ކަމަށާއި، އެގޮތަށް އަމަލު ކުރުމަކީ ރައީސް މުއިއްޒު ވެރިކަމުން ދުރު ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން، ބޭނުން ނެތް ކަމެއް ކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
”އެހެންވީމަ، ރައްޔިތުންނޭ ވިސްނާށޭ. މާލެ ސިޓީ ކަމަށް ވިޔަސް، އައްޑޫ ސިޓީ ކަމަށް ވިޔަސް، އަދި ކީއްކުރަން، ކުޅުދުއްފުށި ކަމަށް ވިޔަސް، އެހެންތަނެއް ވިޔަސް، އެއްވެސް ސިޓީ ކައުންސިލަކުން ވިޔަސް، ޕީއެންސީގެ މެމްބަރުން ނޫން ބަޔަކަށް ވޯޓެއް ދީގެން، މި އަންނަ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ތި ބޭފުޅުންނަށް ކޮން ކަމެއް ކުރެވޭނީ؟“ ގާސިމް ސުވާލު އުފެއްދެވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލުތަކަށް ކަމެއް ކުރެވޭނީ ވެސް ދައުލަތުން ބަޖެޓު ދިނުމުން ކަމަށާއި، އެ ނޫން ގޮތަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެންވެ ރަށް ނުވަތަ ސިޓީގެ ރައްޔިތުންނަށް ހެޔޮކޮށް ކަންކަން ކޮށްދޭން އެދޭނަމަ، ޕީއެންސީގެ މެމްބަރުންނަށް ވޯޓު ދިނުމަށް ގާސިމް ގޮވައިލެއްވިއެވެ.
”މި ދަރަނިތައް އަދާ ކުރެވޭނީ ވެސް، ދިވެހި ރައްޔިތުންގެ ސޮލިޑާރިޓީ އޮތްކަން، ރައީސް މުއިއްޒުއަށް ދެއްކީމަ.“ ގާސިމް އިތުރަށް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ތިން ސަރުކާރުން ވެސް ކަންކަން ކުރި ގޮތުން ރައްޔިތުން މަޖިލިސް ބޭނުންވާކަން އެނގޭ ކަމަށާއި ކަންކަން ކުރެވޭނީ ސަރުކާރަށް މަޖިލިސް ލިބިގެން ކަމަށެވެ.
އަދި އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން ވެފައި އޮތް ގޮތް ކަމަށާއި ގާނޫނު އަސާސީއަށް ބޮޑެތި އިސްލާހުތަކެއް އަންނަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މޫނަކަށް ކަނދުރާއަކަށް ނުބަލައި، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އޭނާ ވަނީ ރައީސް މުއިއްޒުއަށް ގޮވައިލައްވައިފައެވެ.
ޖޭޕީން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަމައެކަނި މާމިގިލި ދާއިރާއަށް ވާދަ ކުރުމަށެވެ. އެހެން ހުރިހާ ދާއިރާތަކުން އެ ޕާޓީން ތާއީދު ކުރަނީ ކޮންގްރެސް ޕާޓީއަށެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ތާއީދު ކުރަން ނިންމީ، ގައުމު ހަލަބޮލި ކުރުމުގެ ފުރުސަތު ނުދޭން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ