ޝިއާއުގެ މަރު: ސިއްރު މައްސަލައިގައި ޝާހިލަށް ތިން އަހަރުގެ ޖަލު ހުކުމެއް
މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ. ހ. ޝީރީންވިލާ ގޭގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022ގައެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް ވެސް އޮތީ ސިއްރުކޮށްފައެވެ. މިއަދު ހުކުމް ކުރީ އޭގެ ތެރެއިން ދެ މައްސަލައެއްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އަދި ބާކީ ހުރި ދައުވާތަކުގެ ހުކުމްތައް މިހާތަނަކަށް ނީއްވައެވެ. ބާކީ ހުރި މައްސަލަތަކުގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހިމެނެއެވެ. ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުންވަނީ ކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ