ނޭޕާލުގެ ދާދިންގް ޑިސްޓްރިކްޓުގައި ދަތުރުކުރި ބަހެއް ކޯރަކަށް ވެއްޓި، މަދުވެގެން 18 މީހުން މަރުވެ 25 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަދުވަހުގެ ދަންވަރު 1:30 އެހާކަންހާއިރު، ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ހުޅަނގުން އޮންނަ ގަޖޫރީ ކައިރީގައެވެ. ޕޮކަރާއިން ފުރައިގެން ކަތުމަންޑޫއަށް ދަތުރުކުރި މި ބަސް މަގުން ކަސިޔާރުވެގެން ވެއްޓުނީ ތްރިޝޫލީ ކޯރަށެވެ.
ހާދިސާ ހިނގި ވަގުތު ބަހުގައި ޑްރައިވަރާއެކު ޖުމްލަ 44 މީހުން ތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ހިމެނޭއިރު، އަނިޔާވި 25 މީހުންނަށް މިހާރު ދަނީ ކަތުމަންޑޫގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަބީނާރަޔަން ކަފްލޭ މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، 17 މީހަކު މަރުވީ ހާދިސާ ހިނގި ތަނުގައެވެ. އަދި އަނެކަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މަރުވި މީހުންގެ ތެރެއިން މިހާތަނަށް 9 މީހަކު ދެނެގަނެވިފައިވާއިރު، އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ 24 އަހަރުގެ ޒުވާނަކު ހިމެނެއެވެ. މީގެ އިތުރުން އަނިޔާވި މީހުންގެ ތެރޭގައި ޗައިނާ އަދި ނިއުޒީލެންޑުގެ ރައްޔިތުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ނޭޕާލަކީ ފަރުބަދަވަރުގަދަ ގައުމަކަށްވެފައި، މަގުތައް ހަނިވުމާއި ރަނގަޅަށް މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން މިފަދަ ނުރައްކާތެރި މަގުމަތީ އެކްސިޑެންޓްތައް ހިނގުމަކީ އެ ގައުމުގައި އާންމު ކަމެކެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓް ހިމެނޭ ހިމަލަޔާ ފަރުބަދަތަކަށް ދިއުމަށް ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ފަރުބަދައަށް އަރާ މީހުން ކޮންމެ އަހަރަކުވެސް ނޭޕާލަށް ޒިޔާރަތް ކުރެއެވެ.
ނޭޕާލުގައި ބަހެއް ކޯރަކަށް ވެއްޓި 18 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ