އަބަދު ބޮލުގަ ރިއްސައި މޫޑީވެފައި ތިބެންޖެހުނު ދެމަފިރިއަކަށް ހުރިހާ މައްސަލަތައް ޙައްލުކުރެވުނު ފަންޑިތަ-

އެއްދުވަހު ކައުންސިލިންގ ހޯދަން އައި ޒުވާން ދެމަފިރިއެކެވެ. ފިރިމީހާއަށްވެސް އަދި އަނބިމީހާއަށްވެސް އަބަދުވެސް އުޅެންޖެހެނީ ބޮލުގައި ރިއްސާތީއެވެ. ތިބެންޖެހެނީ ހިތްހަމަނުޖެހިގެންނެވެ. މޫޑްގޯސްވެފައެވެ. ކަންބޮޑުވުމެއްގައެވެ. އެކަމަކު ދެމަފިރިންގެ މެދަކު އެއްވެސް މައްސަލައެއް ނެތެވެ.  
ދެމަފިރިންގެ ދިރިއުޅުމުގެ ވާހަކަތައް އަޑުއަހަށް ގަޑިއެއްހާއިރު ހޭދަކޮށް ހުރިހާ ވާހަކަތަކެއް އަޑުއަހާފައި ބުނީމެވެ. "ބޭސްކާންޖެހޭވަރުގެ މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. އަހުރެން ފެންފުޅިއެއް ދޭނަމެވެ. ދެމީހުންވެސް ހެނދުނު ހޭލައިގެންނާއި ނިދަންވުމުން ބިސްމިﷲ ކިޔައި ކުޑަކުޑަ ފެންފޮދެއް ބޮއެލާށެވެ. ދެވަނަ ކަމަކަށް ރޭގަނޑު ދެމީހުން ވަކިން ބޭރަށް ދިއުން ހުއްޓައިލާށެވެ! ތިންވަނަ ކަމަކަށް ޞިއްޙަތު ތަންދޭވަރަކުން ދެމަފިރިން އެއްދާންކުރުން ގިނަކުރާށެވެ.  
ފެންފުޅި ހުސްކުރަންވާނީ މަސްދުވަހުންނެވެ. މިބުނި މަގުން ޢަމަލުކޮށްފައި އެނބުރި އަންނާށެވެ.  
ދެމީހުން އެނބުރި އައީ މަސްދުވަސްފުރި ހްފްތާއެއްވީފަހުންނެވެ. ބުނީ ކުރިމަތިވި ހުރިހާ މައްސަލައެއް ޙައްލުކުރެވިއްޖެކަމަށެވެ. ދެން ފެންބޯނީ އިތުރަށް ކަމެއް ދިމާވެއްޖެކަމަށާއި އަހުރެން ބުނެދިން މަގުން ކަންކަން ކުރުންމަތީގައި ދެމިތިބުމަށް ނަޞީޙަތްތެރިވެފައި ފޮނުވައިލީއެވެ.  
އަހުރެން ދިން ފެންފުޅިއަކީ މާގިނަ އެއްޗެއް ކިޔަވާފައި ދިން ފެންފުޅިއެއް ނޫނެވެ. ކިޔެވީ އަލްޙަމްދުއެވެ. އަލްޙަމްދު ކިޔަވާފައި ފުމެލީއެވެ. އެއީ އަލްޙަމްދަކީ ހުރިހާ ކަމަކަށްވެސް އޮތް ޝިފާއަކަށްވާތީއެވެ.  
ފެންފުޅިން ފައިދާކުރާނެއެވެ. އިން ޝާ ﷲ. އެހެންކަމާއިއެކުވެސް ބުނެލަން އޮތީ ދެމަފިރިންނަށް ފައިދާކުރީ އަހުރެން ބުނި ގޮތަށް ޢަމަލުކުރީތީއެވެ. އިން ޝާ ﷲ. އެގޮތަށް ކަންތައް ކުރުމުން ފައިދާނުކުރާނީ ކީއްވެގެން ހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުންތައް ބާއްވައިގެން އުޅޭނަމަ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުން ނުލިބޭނެ އުފާވެރިކަމެއް ނުއޮންނާނެއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ