އެޕްރީލް 4, ގައި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބަހުސެއް ކުރުމުގެ ދައުވަތު ހާއްސަ މަޖިލީހުގެ މެންބަރު އަދި ފެހި ގާނޫނުއަސާސީ ޑްރާފްޓު ކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ)، އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ދެއްވައިފި އެވެ.
އެ ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އެ ބިލު ފާސްކުރީ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުންނެވެ.
މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.
ފެހި ގާނޫނުއަސާސީ އެކުލަވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް މެންބަރު ކަމަށްވާ އިބްރާ ދެކޭ ގޮތުގައި މިއީ "ގާނޫނީ ނަޒަރަކުން ސައްހަކަމެއް ނެތް، ދެކޮޅުނުޖެހޭ" ހުށަހެޅުމެކެވެ.
އޭނާ ވަނީ މިކަމުގައި އުޝާމަށް ކެރޭނަމަ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ބަހުސް ކުރުމަށް ދައުވަތު ދެއްވާފަ އެވެ. ނަމަވެސް އިބްރާ ވިދާޅުވީ "އޭނާއަށް ނުކެރޭނެ" ކަމަށެވެ.
"އަހުރެންނަށް ޤަބޫލުކުރެވެނީ، ރައްޔިތުންގެ ވޯޓަކަށް މި ހުށަހަޅާ ބިލް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ މަފްހޫމަށް ނުފެތޭ ކަމަށެވެ،" އިބްރާ އެކްސްގައި ލިޔުއްވި އެވެ.
(ހ) ގާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް މި ގާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އެ އިސްލާހެއް ގެނައުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވީ އެވެ.
އެ މާއްދާގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ބަޔާންކުރަނީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ މާއްދާތަކާ ގުޅޭ ބިލުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރާއި، ރިޔާސީ ދައުރާއި، ރާއްޖޭގެ ސަރަހައްދު އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކެވެ.
ރެފެރެންޑަމްގެ ސުވާލުގައި އޮތީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުންނަށް ފެނޭތޯ އެވެ. އެ އިސްލާހުގައި އޮތް ކަންކަމާ މެދު ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބުނަނީ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިހާބު ކުރުމަށް ފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ. ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ހިނގަމުންމިދާ ވިހިވަނަ މަޖިލީހުގެ އުމުރު ކުރު ކުރަން ނިންމާފަ އެވެ.
"ރައްޔިތުންގެ މަޖިލިހުގެ އުމުރު ފަސް އަހަރުން އެހެން އަދަދަކަށް ބަދަލުކުރާނަމަ، ބަދަލުކުރުމަށްފަހު ދެން އޮންނާނީ އެގޮތަށެވެ. ވޯޓަކަށް ހުށަހަޅާން ޖެހޭނީ އެންމެ ސުވާލެކެވެ. އޮންނާން ޖެހޭނީ އެންމެ ޖަވާބެކެވެ. މިހާރު މި ހުށަހަޅާ ސުވާލުގައި އެ އަހަނީ ކީކޭ ހެއްޔެވެ؟ މަޖިލިހުގެ އުމުރަކީ ހަތަރު އަހަރާ ބައި ހެއްޔެވެ؟ ނުވަތަ ފަސް އަހަރު ހެއްޔެވެ،" އިބްރާ ސުވާލު އުފެއްދެވި އެވެ.
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ރެފެރެންޑަމްގައި އަހަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ވިދާޅުވެފަ އެވެ.
"ހިނގަމުންދާ މަޖިލިހެއްގެ އުމުރު ކުރުކޮށްފައި، އަނެއްކާވެސް އިންތިހާބެއް ބާއްވައި، އަނެއްކާވެސް ކުރީ އޮތް އުމުރަށް ރުޖޫއަ ވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ގާނޫނީ ނަޒަރަކުން ސައްހަކަމެއް ނެތް، ދެކޮޅު ނުޖެހޭ ހުށަހެޅުމެއް،" އިބްރާ ލިޔުއްވި އެވެ.
މިހާރު ސުވާލު އޮތްގޮތުން ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ކަންކަމަށް ގެންނަ ބަދަލަކީ ކޮބައިކަމެއް ނޭނގޭ ކަމަށް އިބްރާ ވިދާޅުވި އެވެ.
ނަމަވެސް، ގާނޫނުއަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް އަމަލުކޮށްފައިވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
ސަރުކާރުން ދެކެނީ މި މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް ވާހަކަ ދައްކާ އެންމެ ދައްކަމުންދާ ވާހަކަ ބިނާކުރަމުންދަނީ ދޮގު މައުލޫމާތުގެ މައްޗަށް ކަމަށެވެ.
ރެފެރެންޑަމް ހުއްޓުވައިދިނުމަށް ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެއް މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ހިމަނާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް. މި ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026، ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަން،" އިއްޔެ ސުޕްރީމް ކޯޓަށް ވެއްދި މައްސަލާގައި ބުނެފައިވެ އެވެ.
އެޕްރީލް 4، ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފެރަންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
ރެފެރެންޑަމާ ގުޅޭ ބަހުސް ކުރަން އިބްރާގެ ދައުވަތު، ވިދާޅުވީ ބަންޑާރަ ނައިބަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ރެފެރެންޑަމާ ގުޅޭ ބަހުސް ކުރަން އިބްރާގެ ދައުވަތު، ވިދާޅުވީ ބަންޑާރަ ނައިބަށް ކެރިވަޑައިނުގަންނަވާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ