ސަބްސިޑީއަށް އިސްލާހުތައް ނުގެނެވި، ކަރަންޓު އަގު ހެޔޮ ކުރުމަށް އިތުރަށް 453 މިލިއަން ޚަރަދުކުރި

ކަރަންޓާއި ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީގެ ބުރަ ބޮޑުވުމާ ގުޅިގެން އިސްލާހުތައް ގެނައުމަށް މިދިޔަ އަހަރު ނިންމި ނަމަވެސް އެ އިސްލާހުތައް ނުގެނެވި، ކަރަންޓުގެ އަގުހެޔޮ ކުރުމަށް މިދިޔަ އަހަރު އިތުރަށް 453 މިލިއަން ޚަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، އެހީ ބޭނުންވާ މީހުންނަށް ދިނުން ހިމަނައިފައެވެ. އެގޮތުން އެ ކަންކަމަށް 2.4 ބިލިއަން ރުފިޔާ ބަޖެޓުން އުނިކޮށް އޭގެ ބަދަލުގައި ޑައިރެކްޓްކޮށް ސަބްސިޑީ ދިނުމުގެ ބަޔަށް 900 މިލިއަން ރުފިޔާ އިތުރުކޮށްފައި އޮތެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު، މިދިޔަ އަހަރުގެ ބަޖެޓް ބަޔާނުގައިވާ ގޮތުން، ކަރަންޓު އަގު ހެޔޮކުރުމަށް ޚަރަދު ކުރުމަށް ބަޖެޓުގައި ޖެހީ 379 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނުއިރު އެކަމަށް ވަނީ، 832 މިލިއަން ޚަރަދުކޮށްފައެވެ. އެއީ 453 މިލިއަން ރުފިޔާ ނުވަތަ 119 ޕަސެންޓްގެ އިތުރުވުމެކެވެ. ހަމައެއާއެކު، ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް ބަޖެޓުގައި ޖެހީ 93 މިލިއަން ރުފިޔާ ނަމަވެސް، އެކަމަށް 383 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ 312 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރަކީ ކާބޯތަކެތީގެ އަގުތައް ވެސް އުފުލުނު އަހަރެއް: ކާބޯތަކެތީގެ ސަބްސިޑީއަށް މިދިޔަ އަހަރު ބަޖެޓަށް ވުރެ އިތުރަށް ޚަރަދުކުރި -- ސަން ފޮޓޯ/ މުޙައްމަދު މާވީ ކާބޯތަކެއްޗަށް ސަބްސިޑީ މައިގަނޑު ގޮތެއްގައި ދެނީ ކާޑުގެ ބާވަތްތަކުން ކަމަށްވާއިރު، މިދިޔަ އަހަރަކީ ފާއިތުވި 13 އަހަރު ތެރޭ މުދަލުގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައެވެ. އެގޮތުން ކާބޯތަކެއްޗަށް އެކަނި ބަލާއިރު ވެސް، މިދިޔަ އަހަރު އަގުތައް ވަނީ 4.7 ޕަސެންޓު އުފުލިފައެވެ. ރާއްޖޭގެ ދަރަނި ބޮޑުވުމުން، ސަބްސިޑީތަކަށް އިސްލާހު ގެންނަން ބޭރުގެ އިދާރާތަކުން ގޮވާލާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް ހެޔޮ އަގުގައި ކަރަންޓު ފޯރުކޮށްދިނުމަށް ދެމުންދާ ސަބްސިޑީ އެކަނި ވެސް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. ކަރަންޓު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ސްޓެލްކޯއަށާއި ފެނަކަށް ފޯރުކޮށްދެމުން އަންނަނީ މާކެޓް އަގަށްވުރެ ދަށްކޮށެވެ. އަދި އެ އަގަށްވުރެ ބޮޑުވާ މިންވަރު ދައުލަތުގެ ބަޖެޓުން ސަބްސިޑައިޒްކުރެއެވެ. މީގެ އިތުރުން، އެކި ދުވަސްވަރު ސަރުކާރުން ކަރަންޓުގެ އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓު އުފައްދާ ކުންފުނިތަކަށް ލިބޭ އާމްދަނީގެ ގެއްލުން ފޫބެއްދުމަށް ރެވެނިއު ލޮސްގެ ގޮތުގައި ކުންފުނިތަކަށް ސަބްސިޑީ ދެއެވެ. https://sun.mv/218354 ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ ކަންތައްތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމާއި ޑީސަލްގެ ބަދަލުގައި އެލްއެންޖީ ބޭނުންކުރުން ހިމެނެއެވެ. މި އަހަރުގެ ބަޖެޓުގައި އޮތް ގޮތުން، މާލެ ސަރަހައްދުގައި އުފައްދާ ކަރަންޓަކީ އިއާދަކުރަނިވި ހަކަތައާއެކު އެލްއެންޖީން އުފައްދާ ކަރަންޓަށްވެއްޖެ ނަމަ މިހާރު ދައުލަތުން މި ސަރަހައްދަށް ކަރަންޓު އުފެއްދުމަށް ކުރަމުންދާ ޚަރަދު އެއްކޮށް ހުއްޓާލެވޭނެއެވެ. އަދި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޖުމްލަ ގޮތެއްގައި 13.9 ބިލިއަން ރުފިޔާގެ ޚަރަދު ސަލާމަތް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ