ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަން ޖޭއެސްސީ އަށް

ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ރަޝީދު ހުސައިންއާއި ޑރ. މުހައްމަދު އިބްރާހިމް، ސުޕްރީމް ކޯޓަށް އައްޔަނު ކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް އެމަނިކުފާނު މިއަދު ފޮނުވާފައިވާ ކަމަށެވެ.ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހު އެވެ. އެއީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ.މީގެތެރެއިން ގާޒީ އަލީ ރަޝީދު ހުސައިން އަކީ މިހާރު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅާއެވެ. ގާޒީ އަލީ ރަޝީދު ހުސައިން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލާ ހުކުމް އިއްވި ފަނޑިޔާރުވެސްމެއެވެ.ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، އެ ކޯޓުގައި އަދިވެސް ދެ ފަނޑިޔާރުންގެ ގޮނޑި ހުރީ ހުސްކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ