ކޮވިޑްގެ ސަބަބުން އާންމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާކޮށްފި

ސްޕެއިންގެ ގަލީޝާ ރީޖަން ގައި އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތުމާލު ކުރުން މަނާކޮށްފި އެވެ.
އެސަރަހައްދުގެ ކަމާއިބެހޭ އިދާރާތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިގޮތަށް ނިންމީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން އާންމުވާނެތީއެވެ.
އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރީ މަގުމަތީގެ އިތުރުން ރެސްޓޯރެންޓުތަކުގައާއި ބާ ތަކުގައެވެ. އެހެންނަމަވެސް ގައިދުރުކަން ވަކި މިންވަރަކަށް ބެހެއްޓޭ އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ އަންނަނީ ދެމުންނެވެ.
ގަލީޝާގައި މިގޮތަށް ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ސަރުކާރުން ބުނީ ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށްފަހު ބޭރަށް ދޫކޮށްލާ ދުމުން ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ސިނގިރޭޓު ބޯއިރު މާސްކު ނަގައިގެން ތިބުންފަދަ ކަންކަމަކީ ރައްކާތެރި ގޮތް ނޫންކަމަށް މާހިރުން ލަފާ ދޭކަމަށެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި، ކޮވިޑް-19 ބަލީގައި ސީރިއަސް ހާލަތަކަށް ދަނީ އެފަދަ މީހުންކަމަށް ފާހަގަ ކުރެވޭކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ސްޕެއިން އަކީ ޔޫރަޕުގެ ހުޅަނގު ސަރަހައްދުގައި އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ ގައުމެވެ. އެގޮތުން މިހިނގާ އޮގަސްޓު މަހު އެގައުމުން ދުވާލަކު 1500 އެއްހާ މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. މިހާރު އެގައުމުގައި ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 330،000 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ