ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަކީ ނުފޫޒު ފޯރުވުން: ކުރީގެ ޕީޖީ މުހުތާޒް

ކޯޓެއްގެ ފަނޑިޔާރަކު ކުރެއްވި ހުކުމެއް އިސްތިއުނާފު ކޮށްފައިވަނިކޮށް މަތީ ކޯޓަކުން ހުކުމެއް ކުރުމުގެ ކުރިން މައްސަލަ ބެލި ފަނޑިޔާރު، ހުކުމަށް ވާސިލުވީ ގާނޫނާ ހިލާފަށްކަމަށް ޖޭއެސްސީން ކަނޑައެޅުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުންކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކުރުމަށް ގާޒީ އިސްމާއިލް ރަޝީދު ނިންމެވުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ހުށަހަޅުއްވާފައެވެ. އެމައްސަލަ ކޮމިޝަނުން ބަލަމުންދާއިރު މިކަމާ ގުޅިގެން ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ.
މިދަނޑިވަޅުގައި ކުރީގެ ޕީޖީ މުހުތާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަނޑިޔާރެއްގެ ހުކުމެއް އިސްތިއުނާފަށް ހުށަހަޅާފައިވަނިކޮށް އެކަން ވަކި ގޮތަކަށް މަތީ ކޯޓަކުން ނިންމުމުގެ ކުރިން، ހުކުމް ކުރި ފަނޑިޔާރު ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއްކަމަށް ކަނޑައެޅުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުންކަމަށެވެ.
Twitter Embeded
ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލައިގައި ބާ ކައުންސިލްގެ ރައީސް މައުމޫނު ހަމީދުވެސް އަމިއްލަ ހައިސިއްޔަތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ފަނޑިޔާރަކު ވަކި ގޮތަކަށް މައްސަލައެއް ނިންމުމުން ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލައެއް ބަލާނަމަ އެ އުފެދެނީ ވަރަށް ގޯސް ސަގާފަތެއްކަމަށެވެ.
ޖޭއެސްސީގައި ސިޔާސީ ގިނަ ބޭފުޅުން ތިއްބަވާއިރު މިކަމުގެ ސަބަބުން ކޯޓުތަކަށް ނުސީދާ ގޮތެއްގައި ސިޔާސީ ނުފޫޒު ވަދެދާނެކަމަށް ގިނަ ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
މިމައްސަލައިގައި ޕީޖީ ޝަމީމް ވިދާޅުވީ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ގާޒީ އިސްމާއިލް ރަޝީދު ވަކި ގޮތަކަށް ހުކުމެއް ކުރުމުން އެމައްސަލަ ނޫންކަމަށާއި އެކަން ނިންމުމުގައި ފާހަގަވި ސުލޫކީ މައްސަލަތަކެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ