އޮޑިޓާ ޖެނެރަލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ދީބާޖާ

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ދީބާޖާ އިންވެސްޓްމެންޓުން ބުނެފިއެވެ.
ދީބާޖާ އިން މިހެން ބުނެފައިމިވަނީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް އިއްޔެ އަންގަވާފައިވާތީއެވެ.
Husha alhaanan, visnaneekee noon https://t.co/r0Fc4lDeBv
— Dheebaja Investment Pvt Ltd (@dheebaja) July 23, 2020
ދީބާޖާ އަށް ބަދަލުދޭން ޖެހުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެ ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅުމުންނެވެ.
ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. އެ ހުކުމް ރިވިއުކޮށްދޭން ދައުލަތުން ވަނީ މިހާރު ސުޕްރީމް ކޯޓުގައި އެދިފައެވެ.
އޮޑިޓާ ޖެނެރަލްގެ ވާހަކަތަކާ ގުޅިގެން ދީބާޖާ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޒިޔަތުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ މެދު ހަމައެކަނި ވިސްނަނީ ނޫން ކަމަށާއި އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އަދި ބަދަލު ނުދޭން ޒިޔަތު އެންގެވުމާ ގުޅިގެން ދީބާޖާ އިން ނެރުނު ބަޔާނެއްގައި ވެސް ވަނީ އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ޒިޔަތުގެ މި އަމަލަކީ ދައުލަތުގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ހުރުމަތާއި ކަރާމާތް ނަގާލައި އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާފައިވާ ހަޑިމުޑުދާރު އަމަލެއް ކަމަށް ދީބާޖާ އިން ބުނެއެވެ.
އަދި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ އެހެނިހެން ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިންއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގުޅިގެން އޮޑިޓާ ޖެނަރަލް ހަނު ހުންނެވި ކަމަށްވެސް ދީބާޖާ އިން ބުނެފައިވެއެވެ.
އަދި އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑުކަޑުވާލައި ކޯޓުތަކުގެ ހުކުމަށް ގޮންޖެހުމުގެ ގޮތުން ހިންގާފައިވާ ގާނޫނީ ބުރަދަނެއްނެތް ވަކިފަރާތަކަށް ބުރަވެފައިވާ ރިޕޯޓެއް ކަމަށްވެސް ދީބާޖާ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އާއިލީ އަދި ރަހިމުގެ ގުޅުން އޮތް މީހަކު ގަނެފައިވާ ގޯއްޗެއްގެ މިލްކުވެރިކަން ބަދަލުނުކުރެވޭ ގޮތަށް ފިޔަވަޅުއެޅުމަށް އަންގައި އަދި ހުޅުމާލޭގައި އޮތް އެ ގޯތި ކޮއްކޮއަކު ވިއްކާލިރިއުވެސް، އޮޑިޓާރ ޖެނަރަލްގެ ހުންނެވީ ހަނު ކަމަށާއި މި މައްސަލަ މަޖިލީހުން ބެލުމަށް ވެސް ދީބާޖާ އިން ވަނީ ގޮވާލާފައެވެ.
އަދި އޮޑިޓާ ޖެނެރަލް އަކީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފަރާތަކަށް ނުވާތީ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ