ހާލަތު އޮތް ގޮތުން ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ: ރައީސް މައުމޫން

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ދުރު ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ތިން މަހެއްހާ ދުވަސް ފަހުން، މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ގިނަ ބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލަކީ ޖަމާއަތް ހެދި އިރު، ކައިރި ކައިރީގައި މީހުން ތިބުމެވެ. އެކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުމަށް މަގުފަހިވާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. އަދި ގިނަ އިލްމުވެރިން ފާހަގަ ކުރައްވާ އެއް ކަމަކީ މި ހާލަތުގައި ގައިދުރުކަން އިސްކޮށްގެން ކުރާ ނަމާދު ސައްހާ ވާނެ ކަމަށެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރާ އިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަށްޓަކައި ދުރު ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށެވެ.
"މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް،" މައުމޫން ވިދާޅުވިއެވެ.
ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ވެސް މިދުވަސް ކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުމުގެ މަތިން ކަމަށެވެ.
މައުމޫން އެގޮތަށް ވިދާޅުވި އިރު، ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ މިންވަރަށާއި ބަލީގައި ނިޔާވާ މީހުންގެ އަދަދަށް ބަލާ އިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ކުރިން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމާ ގުޅިގެން އަނެއްކާ ވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން އިއްޔެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް 2,617 މީހަކު ފައްސިވެފައިވެއެވެ. އަދި އިއްޔެ އެކަނި ވެސް 64 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.
މިއީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިން ފަހުން، އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 އަށް މިހާތަނަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 987 ދިވެހިންނާއި 1،630 ބިދޭސީންނެވެ. ބަލީގައި 13 މީހަކު ނިޔާވިއެވެ. އަދި ބަލި ޖެހުނު 300 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަ އިރު، 2،300 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ފުރަބަންދަށް ދިން ލުއިތަކުގެ ތެރޭގައި މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހިމެނެއެވެ. ތިން މަހަށް ފަހު މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ޖަމާއަތުގެ ނަމާދާއި ހުކުރުގައި ވެސް ގައިދުރުކަން ނުބެހެއްޓޭނެ ކަމަށް ގަބޫލު ކުރާ އިލްމުވެރިން އެބަތިއްބެވެ.
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓްގައި މާތް ރަސޫލާގެ ސުންނަތުން ފެންނަން އޮތް އުސޫލާ ދުރަށް ނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމުގައި އެއްވެސް މީހަކު ގައިދުރުކަން ބަހައްޓަން އިސްކަން ނުދޭ އިރު މިސްކިތަށް އަރާ ވަގުތުގައި އެ ދުރުކަން ބެހެއްޓުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
"ހަމައެކަނި ނަމާދަށް ސަފު ހަދާއިރު ސޯޝަލް ޑިސްޓެންސް ބެހެއްޓުމަކުން ނުފުދޭނެ. ނަމާދުގައި ސަފު ހަދަންވީ ގޮތް ސުންނަތުގައި އެބަ އޮތް،" އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޑރ. އިޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ