އަލީ ރަޝީދު އާއި ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަނު ކުރަނީ

ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ރަޝީދު ހުސައިންއާއި ޑރ. މުހައްމަދު އިބްރާހިމް، ސުޕްރީމް ކޯޓަށް އައްޔަނު ކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ. ރައީސް ސޯލިހު އެކަން ހާމަކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހު އެވެ. އެއީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ. ކްރިމިނަލް ކޯޓަށް އަލީ ރަޝީދު ބަދަލު ކުރުމުގެ ކުރިން އޭނާ ވަނީ، ކުރީގެ ޖިނާއީ ކޯޓުގައި ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަން އަދާކުރެއްވި އެވެ. އިސްގާޒީ ކަމުގައި ހުންނަވައި އަމިއްލަޔަށް އެދިގެން ޑްރަގް ކޯޓަށް އޭނާ ބަދަލުވި އެވެ. ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، އެ ކޯޓުގައި އަދިވެސް ދެ ފަނޑިޔާރުންގެ ގޮނޑި ހުރީ ހުސްކޮށެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއި އެކު ދެން އެ ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ