ބޮޑުއަގުގައި ކާބޯތަކެތި ގަނެ، ގެއްލިފައިވާކަމަށް ބުނާ ފައިސާއަކީ އަނބުރާ ދައުލަތަށް ހޯދައިފައިވާ ފައިސާ: އެންޑީއެމްއޭ

ކޮންޓްރޯލް އަގަށްވުރެ، އަގުބޮޑު ކޮށް ކާބޯތަކެތި ގަނެގެން ގެއްލިފައިވާ ކަމަށް، އޯޑިޓް ރިޕޯޓްގައި ބުނާ ފައިސާއަކީ އަނބުރާ ދައުލަތަށް ހޯދައިފައިވާ ފައިސާއެއް ކަމަށް ނެޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
ކޯވިޑާ ގުޅިގެން އެންޑީއެމްއޭ އިން ކޮށްފައިވާ ޚަރަދުތަކާ ބެހޭ އޯޑީޓް ރިޕޯޓްގައި ކޮންޓްރޯލް އަގަށްވުރެ، އަގުބޮޑުކޮށް އެއްޗެތި ގަނެގެން ގެއްލިފައިވާ ކަމަށް ބުނާ ފައިސާގެ ޢަދަދަކީ ރަނގަޅު ޢަދަދެއް ނޫންކަމަށް އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޙިސާން ޙަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމައްސަލަ އަކީ އޯޑިޓް ރިޕޯޓްގެ މާކުރިން އެކަން ފާހަގަ ކުރެއްވި ސަޕްލަޔަރުގެ އަތުން އަނބުރާ ދައުލަތަށް ހޯދިފައިވާ ފައިސާއެއް ކަމަށެވެ. އޯޑިޓް ރިޕޯޓްގައި 23 ހާސް ރުފިޔާ ފާހަގަ ކޮށްފައިވީނަމަވެސް އެއީ 28 ހާސް ރުފިޔާކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެކަން އޯޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ ރަނގަޅަށް ބަލަންވާވަރަށް ނުބައްލަވައިކަން ފާހަގަ ކުރެއްވިއެވެ.
ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައިވެސް، އެކަން ޙަވާލު ކޮށްފައި ވާނީ ބީލަމުގެ އުޞޫލުން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތައްކަމަށް ފާހަގަ ކުރެއްވިއެވެ. އެމައްސައްކަތް ޙަވާލު ކޮށްފައިވާނީ ފިނޭންސް މިނިސްޓްރީން ކޮވިޑާ ގުޅިގެން ދީފައިވާ ލުއިތަކާއެކުވެސް ފައިނޭންސް އޯތަރައިޒޭޝަން ކޮމެޓީއަށް ހުށަހަޅައި އެކޮމެޓީން ހުއްދަ ހޯދުމަށް ފަހުކަމަށް ޙިސާން ފާހަގަ ކުރެއްވިއެވެ. އެންޑީއެމްއޭގެ ބިޑް ކޮމެޓީން ބޭނުންވާނެ ތަކެތީގެ ލިސްޓެއް އެކުލަވާލައި އެތަކެތި އެންމެ އަގުހެޔޮކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެކި ފަރާތްކުން މައުލޫމާތު ފޯރިކޮށްދީ އަގުތައް ބަލާފައިވާނެކަމަށް ޙިސާން ވިދާޅުވިއެވެ. އެގޮތުން އަގުތައް ބަލައިފައިވާނީ މުޅި ލިސްޓަށް ހުށަހަޅައިފައިވާ އަގުތަކަށް ބައްލަވައިގެން ކަމަށް ވިދާޅުވިއެވެ. ވަކިއައިޓަމްތަކަށް ހުށަހަޅައިފައިވާ އަގުތަކަށް އޭރު ނުބައްލަވާކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމައްސަލަ ފާހަގަ ކުރެވި ސަޕްލައިކޮށްދިނުމަށް ޙަވާލުކުރި ފަރާތުން އިތުރުވާ ފައިސާގެ ޢަދަދު އަނބުރާ ދައުލަތަށް ހޯއްދަވައިފައިވާކަމަށް ވިދާޅުވިއެވެ. އޭރުގެ ހުރި ގޮންޖެހުންތަކާއެކުވެސް އެމަސައްކަތް ކުރެވުނު ގޮތް ބިޑް ކޮމެޓީގެ ޔައުމިއްޔާ ތަކުގައި ފާހަގަ ކޮށްފައިވާނެކަމަށް ޙިސާން ވިދާޅުވިއެވެ. ފެސިލީޓީތަކަށް ކާބޯތަކެތި ފޯރިކޮށް ދިނުމަށް ހަ މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްފައިވާނެކަން ޙިސާން ފާހަގަ ކުރެއްވިއެވެ.
އޯޑިޓް ރިޕޯޓްގައިވާ ގިނަ ކަންތައްތައްތަކެއް ވަނީ ރަނގަޅަށް ނޫންކަން އެމްޑީއެންއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވިއެވެ. ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އުފެއްދުމަށްފަހު ވެސް އެތަނުގައި އޮޕަރޭޝަންތައް ދާގޮތް ގާތުން ބެއްލެވުމަށް އޯޑިޓް އޮފީހަށް ދައުވަތު ދެއްވިކަމަށް ޗީފް އެގްޒެކެޓިވް އޮފިސަރ ޙިސާން ވިދާޅުވިއެވެ. ނަމަވެސް އޯޑިޓް އޮފީހުން އެ އޮޕަރޭޝަންގައި ބައިވެރި ނުވިކަން ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ