އިންޑިޔާއިން ދޭ ހަދިޔާއާއެކު އެޤައުމުގެ ސިފައިން ރާއްޖެ ނުފައިބާނެކަމުގެ ޔަގީން ދެއްވާ: އުމަރު
އިންޑިއާއިން މިފަހަރު ދޭން އުޅޭ "ހަދިޔާ" ގެ ފަހަތުން އެ ޤައުމުގެ ސިފައިން ރާއްޖެއަށް ނުފައިބާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ރައްޔިތުންނަށް ދެއްވަން ވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އިންޑިއާ ސަރުކާރުން ރާއްޖޭގައި އަސްކަރީ އުޅަނދުތަކެއް ބަހައްޓަން އުޅޭ ކަމަށް ބުނެ "ދިޔަރެސް" ނޫހުން ލިޔުނު ޚަބަރެއް ފޭސްބުކްގައި ހިއްސާ ކުރައްވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މިކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.އުމަރު މި މޭރުމުން ވިދާޅުވެފައިވާއިރު އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ ސިފައިންގެ އުޅަނދުތަކާއި އާލަތްތަށް ރާއްޖޭގައި ބެހެއްޓުމުގެ މަޝްވަރާތަށް ރާއްޖޭގެ ސަރުކާރާއި އެކު ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އިންޑިއާ ސަރުކާރުންވެސް އަދި ދިވެހި ސަރުކާރުންވެސް ހާމަކޮށްފައިނުވެއެވެ.އުމަރުގެ އިތުރުންވެސް ސަރުކާރާ އިދިކޮޅު އިއްތިހާދުން ވެސް ވަނީ މި ހަބަރުތައް ސާފުކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އަރިހުން އެދިފައެވެ. އެހެން ނަމަވެސް މިނިސްޓަރ މާރިޔަ މިހަތަނަށް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރައްވާފައިވަނީ ތިން ކާރާއި އެއް ޕިކަޕު އަދި ސްޕެއަރތަކެކެވެ. އަދި މިތަކެތި އޮޕްރޭޓުކުރުމަށް ނުވަތަ އެނޫން އެހެން ބޭނުމެއްގައިވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭނެ ކަމަކަށް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.އެމްއެންޑީއެފްގެ ގާބިލު ކަން އިތުރު ކުރުމަށް އިންޑިއާގެ އަސްކަރިއްޔާގެ ފަރާތުން އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމަށް ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ސިފައިންގެ ވެރިޔާ ބިޕިން ރާވަތް ވަނީ ވިދާޅުވެފައެވެ.މީގެ ކުރިން 2010 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ގެނެވުނު އިންޑިއާ ހެލިކޮޕްޓަރެއްވެސް އަދިވެސް ރާއްޖޭގައި އޮވެއެވެ. އައި އެފަހުން އިތުރު ހެލިކޮޕްޓަރެއް ގެނެސް އިންޑިއާގެ 2 ހެލިކޮޕްޓަރު އެ ޤައުމުގެ ސިފައިން ރާއްޖޭގައި އޮޕަރޭޓުކުރެއެވެ.މިދިޔަ އަހަރު އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބެހެއްޓުމުގެ މުއްދަތު ހަމަވެގެން އަނބުރާ ގެންދަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެންގުމުން އިންޑިއާ އިންވަނީ ހެލިކޮޕްޓަރުތައް ނުގެންގޮސް މަޑު ޖައްސާލާފައެވެ.އަދި އޭރު އެ ހެލިކޮޕްޓަރު ދުއްވަން ތިބި ސިފައިންގެ ވިސާ ވެސް އާކޮށްދޭން ރައީސް ޔާމީންގެ ސަރުކާރުން ދެކޮޅު ހެދިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީންގެ ވެރިކަން ނިމެންދެން އެ ހެލިކޮޕްޓަރުތައް އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވެއެވެ.ނަމަވެސް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވުމަށް ފަހު އަނެއްކާވެސް އެ އެއްބަސްވުން އާކޮށް ހެލިކޮޕްޓަރުތައް ދުއްވުމުގެ ހުއްދަ ވަނީ ދެވިފައެވެ. މި ހެލިކޮޕްޓަރުތައް ގެނެވުނީ ދިވެހި ސިފައިންނަށް އެ ދުއްވަން ދަސްކޮށްދީ ސިފައިންގޭގައި އެއާވިންގެއް ހަދަން އެއްބަސްވުމަށްފަހުގައެވެ.ނަމަވެސް އެފަހުން 9 އަހަރުވެފައިވާއިރު މީގެއިން އެއްވެސް ކަމެއް އިންޑިއާ އިން ކޮށްފައި ނުވެއެވެ. އިންޑިއާ ސިފައިންގެ ވެރިޔާގެ މި ދަތުރުގައި ރާއްޖޭގައި ބަހައްޓަން ވާހަކަ ދެކެވެނީ ކޮންކަހަލަ އަސްކަރީ އުޅަނދުތަކެއް ކަން ސާފެއް ނޫނެވެ.ނަމަވެސް އިންޑިއާ އިން ދަނީ މިވަގުތު އުތުރު ތިލަފަޅުފައި އެމްއެންޑީއެފް އަށް ނޭވަލް ބޭސް އެއް ހަދާ ދެމުންނެވެ. އަދި ބައެއް މަސްދަރު ތަކުން މައުލޫމާތު ލިބޭ ގޮތުގައި އެތަން ބޭނުން ކުރުމުގެ ހުއްދަ އިންޑިއާގެ ނޭވީއަށް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ